ކުޅިވަރު

ވެސްޓް ހޭމް ބަލިކޮށް ފްރެންކްފަޓް ފައިނަލަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން އެއިންޓްރެކްޓް ފްރެންކްފަޓް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ފްރެންކްފަޓް ޖާގަހޯދީ ސެމީ ފައިނަލްގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ދެމެޗް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި ދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ވެސްޓް ހޭމްގެ ދަނޑުގައި ކުޅެ 2-1 ގެ ނަތީޖާއަކުން ފްރެންކްފަޓުން ކާމިޔާބުކުރިއިރު، ފްރެންކްފަޓްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފްރެންކްފަރޓްއިންނެވެ. މި މެޗުގައި ވެސްޓް ހޭމްއަށް މައްސަލަތަކެއް ދިމާވީ މެޗްގެ 19 ވަނަ މިނެޓްގައި އާރޮން ކްރެސްވެލްއަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރައްކާޑު ދެއްކީ ފްރެންކްފަރޓްގެ ޔެންސް ޕީޓަރ ހޭގްއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން މެޗްގެ ރެފްރީ އެންމެ ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ފަހުންވަނީ ރަތް ކާޑަކަށް ބަދަލުކޮށްފައެވެ.

އެއާއެކު މެޗްގެ 26 ވަނަ މިނެޓްގައި ފްރޭންކްފަރޓްގެ ރަފައެލް ބޮރޭ ވަނީ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ، އެޓީމަށް ލީޑު ނަގާދީފައެވެ. އޭގެ ފަހުން މިމެޗްގައި ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮއެސް ބޯޅައެއް ބޯލް ބޯއިއަކާ ދިމާލަށް ޖެހުމާއެކު އޭނާއަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މިކާމިޔާބީއާއެކު ޔޫރޮޕާ ލީގުގެ ފައިނަލުން ފްރެންކްފަޓް ޖާގަ ހޯދާފައިވާއިރު، މިއީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަށް 1980ވަނަ އަހަރަށްފަހު އެ ޓީމަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ. ފައިނަލްގައި ފަރްނޭކްފަރޓް ބައްދަލުކުރާނީ ރޭންޖާސްއާއެވެ.