ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ބޮޑު އަޣްލަބިއްޔަތެއް އޮތްކަން އެ ޤައުމުގެ ސަރުކާރުން ދައްކާލައިފިއެވެ.
ފާއިތުވި ދުވަސްތަކުގައި ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ހީނަރުވުމުން ރުޅިގަދަވެފައިވާ ޢާއްމުން ބޮޑެތި މުޒާހަރާތަކެއް ކުރަންފެށުމުން ސަރުކާރަށް ނިޞްބަތްވާ 40އަށްވުރެ ގިނަ މަޖިލިސް މެންބަރުންވަނީ ވެރިކަންކުރާ އިއްތިޙާދުން ވަކިވެފައެވެ. އެއާއެކު އެ ޤައުމުގެ އިދިކޮޅު ސަމާގި ޖާނާ ބަލަވެގަޔަ، އެސްޖީބީން ބުނެފައިވަނީ މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ އެ ޕާޓީއަށްކަމަށެވެ. ނަމަވެސް އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ ސަރުކާރަށް އަޣްލަބިއްޔަތު ނުގެއްލޭކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް ބަޔަކަށް ސަރުކާރު ޙަވާލުކުރަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް ކޮޅެއް ހޯދަން ފުރުޞަތެއް ލިބުނީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ރަންޖީތު ސިޔާމުބަލަޕިތިޔަ އިސްތިޢުފާދެއްވުމުންނެވެ. އޭނާ ވިދާޅުވެފައިވަނީ ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާގެ ސަބަބުން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އޭނާގެ ޕާޓީން ވަކިކޮޅަކަށް ނާރާނެކަމަށެވެ. އޭނާ ކުރިން ހުންނެވި ސުރީ ލަންކާގެ ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސުރީ ލަންކާ ފުރީޑޮމު ޕާޓީ، އެސްއެލްއެފްޕީގައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ސަރުކާރުން ކެނޑިޑޭޓެއް ނެރެފައެއް ނުވެއެވެ. ބަދަލުގައި ސަރުކާރުން ތާޢީދުކޮށްފައިވަނީ ވެރިކަންކުރާ އިއްތިޙާދުން ވަކިވި މެންބަރުން ހުށަހެޅި ކެނޑިޑޭޓަށެވެ. އެ މެންބަރުން ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ސިޔާމުބަލަޕިތިޔަ އަލުން އިންތިޚާބުކުރުމަށެވެ. އެއާއެކު އެ މަޤާމަށް ސިޔާމުބަލަޕިތިޔަ އިންތިޚާބުވެވަޑައިގެންފައިވަނީ 225 މެންބަރުންގެ ތެރެއިން 148 މެންބަރުންގެ ވޯޓާއެކުއެވެ. އިދިކޮޅު އެސްޖީބީގެ ކެނޑިޑޭޓަށް ލިބުނީ 65 ވޯޓެވެ. އަދި ތިން މެންބަރަކު ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ސުރީ ލަންކާގެ އިދިކޮޅު އިސްވެރިޔާ ސަޖިތު ޕުރަމަދާސަ ވިދާޅުވީ އެސްޖީބީން ކެނޑިޑޭޓެއް ނެރެން ނިންމީ ސިޔާމުބަލަޕިތިޔަ އިންތިޚާބުކުރުމަށް ވެރިކަންކުރާ އިއްތިޙާދުން ވަކިވި މެންބަރުންނާއި ސަރުކާރުން އެއްބަސްވިކަން އެނފުމުންނެވެ. ރައްޔިތުންގެ ވިންދާ ޚިލާފަށް ސަރުކާރާ ބައިތުހިފިކަމަށް ތުޙުމަތުކޮށް އޭނާވަނީ ވަރަށް ބޮޑަށް ސިޔާމުބަލަޕިތިޔައަށް ފާޑުވިދާޅުވެފައެވެ.
ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު އޮތްކަން ސަރުކާރުން ކަށަވަރުކުރުމުން މަހިންދައާއި ގޮތަބަޔާއާ ދެކޮޅަށް އެސްޖީބީން ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ ވޯޓު ކާމިޔާބުވެދާނެކަމާމެދުވެސްވަނީ ސުވާލުއުފެދިފައެވެ.