ޚަބަރު

ދިޔަމިގިލީ މުދިމަށް ހަމަލާދިން މީހާގެ މައްޗަށް ދައުވާ އުފުލައިފި


ތ.ދިޔަމިގިލީގައި މިސްކިތު މުދިމަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލައިފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ތ.ދިޔަމިގިލީ މޯނިންސްޓާ، ހަސަން ސާމިދުގެ މައްޗަށެވެ. ތޫނު އެއްޗަކުން މުދިމަށް ހަމަލާދިން މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ދިޔަމިގިލީ ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 28ގައެވެ.

ދިޔަމިގިލީގައި މުދިމަށް ހަމަލާދީފައިވަނީ މިދިޔަ މާރިޗް މަހުގެ ތެރޭގައެވެ. މުދިމަށް ހަމަލާދީފައިވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއްކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ. މި ހަމަލާއާއި ގުޅިގެން، ތުހުމަތުކުރެވޭ މީހާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

މި ހާދިސާގައި ޒަޚާމްވި މުދިމުގެ ގައިގެ 13 ވަރަކަށް ތަނަށް ވަޅިން ހަމަލާދީފައިވާކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެއެވެ. ބައިސަކަލެއްގައި ގޮސް މުދިމުގެ ކޮނޑަށާއި، ބުރަކައްޓަށް އަދި ވައަތަށް ހަމަލާދީފައި ސާމިދު ދާތަން އެސަރަހައްދުގައި ހުރި ސީސީޓީވީ ވީޑިއޯއިން ފެނެއެވެ.