ވިޔަފާރި

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާ މަންޒިލަކަށް މިއަހަރުވެސް ރާއްޖެ ވާދަކުރަނީ


ވޯލްޑް ސްޕާ އެވޯޑްސްގެ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާ މަންޒިލަކަށް މިއަހަރުވެސް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ. ވޯލްޑް ސްޕާ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑްކަމުގައިވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" އިންތިޒާމް ކުރާ ފަރާތުން ބާއްވާ އެވޯޑެކެވެ.

"އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ނޮމިނޭޓްވެފައިވާއިރު މި އެވޯޑް ދޭން ފެށިފަހުން ކޮންމެ އަހަރެއްގައިވެސް މި އެވޯޑަށް ވާދަކޮށް ރާއްޖެއިން ވަނީ އެވޯޑް ކާމިޔާބުކޮށްފައެވެ.

މި އެވޯޑަށް ރާއްޖެއާ ވާދަކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި މި ސަރަޙައްދުގައި ރާއްޖެއާއި އެންމެ ވާދަވެރި ދެ ޤައުމުކަމުގައިވާ މޮރިޝަސް އަދި ސީޝެލްސްއެވެ. ވޯޓުލުމަށް މިހާރު ހުޅުވާލާފައިވާއިރު ވޯޓުލުން ބަންދުވާނީ ޖުލައި މަހުގެ 25ވަނަ ދުވަހަށެވެ.

2015ވަނަ އަހަރު ދޭންފެށި މިއެވޯޑްގެ މަޤްސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަ ކާމިޔާބީތައް ޙާސިލްކުރާ ފަރާތްތައް ފާހަގަކުރުމެވެ. މި އިވެންޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތަތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ސްޕާ އަދި ވެލްނަސްގެ ދާއިރާ ކުރިއެރުވުމަށް މުޙިއްމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެކެވެ.