ޚަބަރު

ކުނި މެނޭޖުކުރުމުގައި ބ.އަތޮޅުން މިސާލެއް!


ކުނީގެ މައްސަލައަކީ ރައްރަށުގައި ޙައްލުކުރަން ބޭނުންވެ ޙައްލުނުކުރެވޭ އެންމެބޮޑު އެއް މަސަލައެވެ. ކުނީގެ މައްސަލަ ޙައްލުކުރުމަށް ޒަމާނީ ނިޒާމުތައް ޤާއިމުކުރާ ރަށްރަށުގެ މީހުން ބުނާ ވާހަކައެއް އޮވެއެވެ. އެއީ ރަށުގައި އާ ކުނިކޮށްޓެއް ހެދުނީމާ ރީތިކޮށް ސާފުތާހިރުކޮށް ބަލަހައްޓާނެކަމުގެ ވާހަކައެވެ.

އެހެންނަމަވެސް ރަނގަޅު ކުނިކޮށި ހަދާފައިވާ ބައެއް ރަށްރަށުންވެސް މިއަދު ފެންނަ ނޭދެވޭ އެއްކަމަކީ ކުނި ވަކިކުރަން ގޮޅިގޮޅިހަދާފައި ހުންނައިރުވެސް އެތަން ފުރިބާރުވެ ކޮށިން ބޭރަށް ކުނި އެޅުމުގެ އާދައެވެ.

ބ.އަތޮޅަށް ބަލާއިރު، "ސޮނޭވާ ނަމޫނާ"އިން ކުނި މެނޭޖް ކުރުމުގެ ކަންކަން ބ.އަތޮޅުގެ ކައުންސިލްތަކަށް ފަހިކޮށްދިން ފަހިކޮށްދިނުމަކީ ކުނީގެ މައްސަލަ ހައްލުކުރަން ކެތްމަދުވެފައި ތިބި މިއަތޮޅުގެ ރަށްތަކަށް ލިބުނު ނަސީބެކެވެ.

ބ.އަތޮޅަކީ ފަތުރުވެރިމުގެ ސިނާއަތުގައި ކުރިއަރާފައި އޮތް އަތޮޅެއްކަމުން ދެމެހެއްޓެނި ގޮތެއްގައި ކުނި ނައްތާލުމަށް ރިސޯޓްތަކާއި ރަށްރަށުގެ ރައްޔިތުން ބޭނުންވެއެވެ. ރިސޯތްތަކުން އެކަން ކުރަން ބޭނުންވަނީ އެމީހުންގެ ވިޔަފާރިއަށް އޮތް ގޮންޖެހުމަކަށް ވާތީއެވެ. ރައްޔިތުން އެކަން ކުރަން ބޭނުންވަނީ ރަށުތެރެ ހަޑިވެ ދިމާވާ މައްސަލަތައް ޙައްލުކުރާށެވެ. އަދި އެރަށެއްގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށެވެ.

ކޮންމެއަކަސް މިފޮޓޯ ތަކަކީ ކިހާދޫ ކުނިކޮށްޓެވެ. ސޮނޭވާ ނަމޫނާ ޕްރޮޖެކްޓްގެ ދަށުން އެރަށުގައި 6 މަސްދުވަސްވަންދެން އުފެދިފައިހުރި ފަނާ ނުވާޒާތުގެ ކުނިބަލާދިޔަ ދަތުރުގެ ބައިވެރިންގެ މެންދުރުގެ ކެއުން ބޭއްވީ މި ކުނި ކޮށީގައެވެ. ހަމަ ގައިމުވެސް ކުނިކޮށްޓޭ ކިޔާފައި އެތަނަށް ދިޔަ އެއްވެސް މީހަކަށް އުނދަގޫވެގެން ނުކައެއްނުދެއެވެ. ކުނި ކޮށްޓެކޭ ބުންޏަސް މިއީ ޒަމާނީގޮތެއްގައި ރައްކާތެރިގޮތެއްގައި ކުނި މެނޭޖުކުރާ މަރުކަޒެކެވެ. އެތަނަކުން ނުބައި ވަހެއް ނުދުވައެވެ. ހަޑިމުޑުދާރުކަމެއް ނެތެވެ. ބަލާލަން އުނދަގޫ މަންޒަރެއް ނުފެނެއެވެ.

މިއީ އަޅުގަނޑަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަތުރތެކެވެ. އަޅުގަނޑު ކުރިން ހީކުރީ މިއީ މިފަދަ ޚާއްސަ ޙަރަކާތެއް އޮތުމުން އެކަމަށް ޚާއްސަކޮށްގެން ރައްޔިތުން ނުކުމެ ސާފުކޮށްފައި އޮތީކަމަށެވެ. ކޮންމެއަކަސް ޙަބަރެއްގެ ސުރުޙީއަކަށް އެދުވަހު މިކަން ނުހެދީ ކުނީގެ މައްސަލައަކީ ބޮޑު މައްސަލައަކަށްވެފައި އެކަން ހައްލުކުރަން އޮތް ދަތިތައް އެނގޭތީއާއި ދެމެހެއްޓެނިގޮތެއްގައި މިކަން ކުރެވޭތަން އެންމެ ރަނގަޅަށް ނުފެންނާތީއެވެ.

އޭގެ ހަތަރު މަސްފަހެވެ. ހަމަ އެގޮނޑަށް، ނުވަތަ ކުނިކޮށްޓަށް ދިޔައީމެވެ. ކުރީފަހަރު ފެނުނު މަންޒަރުތަކާ އެއްވެސް ތަފާތެއްނެތެވެ. ސާފު ތާހިރެވެ. ނުބައި ވަހެއްވެސް ނުދުވައެވެ. މަސައްކަތް ވެސް ކުރަނީ ހަމަ އެދުވަހު ކުރި ގޮތަށެވެ. މިފަހަރަކު އެކަންޏެއްނޫނެނެވެ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ހަވީރު ސައިވެސް އޮތީ ކިހާދޫ ކުނި ކޮށި ނުވަތަ އީކޯ ސެންޓްރޯގައެވެ.

ކޮންމެއަކަސް މިކަން ކާމިޔާބު މަސަކަތެއް ގޮތައް ކުރިއަށްގެންދެވެނީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރު ލުމަކާއި އެހީތެރިކަމަކާއެކުގައެވެ. ރަށްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކީ ފެށި މިމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އެހީތެރިމެއް ފޯރުކޮށް ދީފިނަމަ ކައުންސިލަށް މާލީގޮތުން ބޮޑު ފައިދާއެއް ކުރާނެކަމަށް، އެރަށު ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވިއެވެ.

"އެއީ ކުނި ނައްތާލުމަށް ވަރަށް ގިނަ ތަންތަނުން އެހީތެރިކަން ފޯރުކޮށްދޭ. އެއިން ކުޑަ މިންވަރެއް މިގޮތައް މަސައްކަތް ކުރާބަޔަކަށް ދީފިނަމަ ނަތިޖާ މިއައްވުރެ ބޮޑުވާނެ. އަދި އެހީތެރިވެވޭނެ މި ނޫންގޮތްތައްވެސް ހުންނާނެ. ސަރުކާރަށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް ކޮންމެހެން ރީތިކޮށް ކުނިކޮށްޓެއް އަޅަން ނުޖެހޭކަން މިއަދު މިދަނީ ދައްކަމުން. އަދި އަމާޒަކީ މުޅި ރާއްޖެއަށް މިކަމުން ނަމޫނާ ދެއްކުން." ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ކުނި ވިއްކަައިގެން ނަފާ ނެރެވޭނެކަމަށް ޤަބޫލް ކުރީވެސް ވަރަށް މަދުބައެކެވެ. އެކަމަކު "ސޮނޭވާ ނަމޫނާ"އިން އިސްވެއޮވެ ކުރި މިމަސައްކަތުން އެރަށެއްގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލަން ފެށުމުން ކައުންސިލްތަކަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް މިހާރުވެސް ލިބެން ފަށައިފިއެއެވެ.

"މިހާތަނަށް އައިރު ވިއްސަކަށް ހާސްރުފިޔާ ލިބިޖެ. ގޭގެއިން ކުނި އުކާލުމަށް ނަގާ ފައިސާއިން އެކަނި މިކަން ނުވާނެ. ކުނި ނައްތާލުމަކީ ދެމީހަކަށް ތިންމީހަކަށް ވާނެކަމެއް ނޫން. އެކަމު މިހާރު އިތުރު ގޮތެއް ނެތީމަ މި ކުރަނީ. އެގޮތައް މިކަން ބަދަލުވާންޖެހޭއެބަ." ހުސެއިން ޝާފިއު ވިދާޅުވިއެވެ.

ބ.ކިހާދޫގައި ކުނި ނައްތާލުމުގެ މަސައްކަތް ސޮނޭވާ ނަމޫނާ އާ ގުޅިގެން ފެށީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ކިހާދޫގައި ކުނި ވަކިކޮށް މިކަން ކާމިޔާބު ކުރުމަށް 2020ވަނަ އަހަރުން ފެށިގެން ކުނި ސެގްރިރޭޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިމަސައްކަތް ރަސްމީކޮށް ފެށިތާ އަހަރެއްވީއިރު ވިހި ހާހަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ވިދާޅުވިއެވެ.

ނަމޫނާ ބާ، ގެދަށުން ބ.އަތޮޅުގެ 7 ރަށެއްގައި ކުނި މެނޭޖް ކުރަމުން އަންނައިރު، މި މަސައްކަތް ފެށުމުގެ ގޮތުން މިއިން ކޮންމެ ރަށެއްގައިވެސް ޢާންމު ހޭލުން ތެރި ކުރުމުގެ ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ.

"ކުނި ނައްތާލުމާ ކުނި ކޮށްޓަށް ކުނި ގެންދިއުމުގައި ޢަމަލު ކުރާނެގޮތާއި ކުނި ގޭގައި ވަކިކޮށްފައި ބަހައްޓާނެ ގޮތްތަކާ ސާފުތާހިރުކަން ގެންގުޅެން ޖެހޭނެ މިންގަނޑުތަކާއި މި ކަންކަން މިގޮތައް ނުކޮށް ކުނިކޮށްޓާ ހަމައަށް އައުމުން ވާނެގޮތާއި ކުނި ނައްތާލުމުގައި ދިމާވާ ދަތިތައް ކިޔައިދީފައިވެއެވެ. މިކަންކަމަށް ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުމެއް ލިބޭކަމަށް ކިހާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި މިކަން ކާމިޔާބު ކަމާއެކީ މުޅި ރައްޖެއަށް ނަމޫނާ ދެއްކެނީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން މިކަމަށް ލިބޭއެއްބާރުލުމުގެ ބޮޑުކަމުންކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

ރޯދަ ވީއްލުމާއި ސްކޫލް ކުދިން ތިމާވެއްޓަށް އަހުލުވެރިކުރުވަން ބޭއްވި ޙަރަކާތްތައްވެސް ބޭއްވީ ކިހާދޫ ކުނިކޮށީގައެވެ. ކޮންމެއަކަސް ކިހާދުއަކީ ސާފު ތާހިރު ރަށަކަށް ހެދުމަށް އެރަށު ކައުންސިލުން ކުރަމުންގެންދާ މަސައްކަތަށް އެރަށު ރައްޔިތުން ސާބަސް ދެއެވެ. އަދި ރަށުގެ އިގްތިސާދު ކުރިއަރައި، ސާފުތާހިރު، ތިމާވެއްޓާ ރަށްޓެހި ރައްޔިތަކު ދިރިއުޅޭ ރަށަކަށް އެރަށް ހެދުމަށް ކުރިމަސައްކަތް ވަރަށް ކާމިޔާބުކަމަށްވެސް އެރަށު ރައްޔިތުން ޤަބޫލު ކުރެއެވެ.

ކުނި ގޮނޑުތަކަކީ މިޒަމާނުގައި ކޮންމެހެން އަވަށުން ބޭރުގައި ހުންނަންޖެހޭނެތަނެއް ނޫންކަމަށާ ކޮންމެ ތަނެގައި ކުނިކޮށި ހުއްޓަސް ރައްކާތެރިކަމާއެކީ ދެމެހެއްޓެނި ގޮތެއްގައި އެކަން ވާނެކަން މިއޮތީ ފެންނާށެވެ.