ވިޔަފާރި

ފެމިލިއަރައިޒޭޝަން ދަތުރެއްގައި އިނގިރޭސިވިލާތުގެ ނޫސްވެރިން ރާއްޖެއަށް


"މޯލްޑިވްސް އޭޒް އަ ބަކެޓްލިސްޓް ޑެސްޓިނޭޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ޕެމިލިއަރައިޒޭޝަން ދަތުރެއްގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ބޮޑެތި މީޑިއާތަކުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ދަތުރު މޭ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ދަތުރުގައި ރާއްޖެ އައި ޓީމުގައި ހިމެނެނީ ދަ ސަން، ސަންޑޭ މެއިލް، ހެލޯ މެގަޒިން، ހައުސް އޮފް ކޯކޯ މެގަޒިން އަދި އަބައުޓް ޓައިމްގެ ތަޖުރިބާކާރުންނެވެ. މި ޓީމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު މެހްމާންދާރީ ތަޖުރިބާކޮށް، ރިޒޯޓުން ލިބޭ ތަފާތު ޚިދުމަތްތަކާއި، ކެއުންތަކަށް އިންސާފުކުރާނެއެވެ. އަދި މި ދަތުރުގައި ކުރާ ތަޖުރިބާތަކާއި، ޓީމު ތިބޭ ރިޒޯޓުތަކުގެ މައުލޫމާތު ހިމެނޭ ސޯޝަލް މީޑިއާ ޕޯސްޓްތަކާއި، އާޓިކަލްތައް މި މީޑިއާތަކުގައި ޝާއިޢުކުރާނެއެވެ. މި މަޖައްލާތަކާއި އޮންލައިން ނޫސްތަކަކީ އިނގިރޭސިވިލާތުގެ އޯޑިއަންސްތަކުގެ މެދުގައި މަޤުބޫލު މީޑިއާތަކެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ދަތުރުގެ ބޭނުމަކީ އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، އިތުރުކުރުމެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމާއި، ރާއްޖޭގެ ވަން-އައިލެންޑް-ވަން ރިޒޯޓް ކޮންސެޕްޓްގެ ސަބަބުން ރާއްޖެ އަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެއެވެ.

މި ދަތުރު އިންތިޒާމް ކޮށްފައިވަނީ އެމް.އެމް.ޕީ.އާރުސީއިން އިނގިރޭސިވިލާތުގެ މާކެޓަށް ޚާއްސަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންސްތައް އިނގިރޭސިވިލާތުގެ ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، މި ހަރަކާތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލާފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަރަކާތެކެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން ރާއްޖެއަށް އިނގިރޭސިވިލާތުން ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގްސް އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަޤްސަދުގައި އެމް.އެމް.ޕީ.އާރުސީން ވަނީ ނިއުސްޔޫކޭއާއެކު ކެމްޕެއިނެއް ހިންގާފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ މާކެޓްގެ ތެރެއިން އެއް މާކެޓެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެރައިވަލްސްއަށް ބަލާނަމަ ބޮޑު ވަމުން އަންނަ މާކެޓެކެވެ. މިއަހަރުގެ އޭޕްރިލް 28 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 560996 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިމުއްދަތުގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ 73107 ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް ވަނަ މާކެޓްގެ ގޮތުގައެވެ. މިއީ ޖުމްލަ އެރައިވަލްސްއަށް ބަލާނަމަ 13.0 އިންސައްތައެވެ.