ޚަބަރު

5000އަށް ވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާން ފަށައިފި


މިއަހަރުގެ އޯލެވެލް އިމްތިހާނު 5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިޙާނު ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ އިމްތިޙާނުގައި ޖުމްލަ 5939 ދަރިވަރުން އިމްތިޙާނު ހަދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް އިމްތިޙާނު ހަދާ ސެންޓަރުތަކަށް ޕޭޕަރުތައް ފޮނުވުމުގެ މަސައްކަތް ކޮށްފައެވެ.

އޯލެވެލް އިމްތިހާނުގެ އާޓް އެންޑް ޑިޒައިން ޕޭޕަރު ދަރިވަރުންވަނީ މިދިޔަ މަހުގެ 13 އަދި 14 ވަނަ ދުވަހު ހަދާފައެވެ. އެގޮތުން މިދެދުވަސްމަތިން ރާއްޖޭގެ އެކި ސެންޓަރުތަކުން 181 ދަރިވަރަކުވަނީ އިމްތިޙާނު ހަދާފައެވެ.

ކޯވިޑާއި ގުޅިގެން މިވޭތުވެދިޔަ ދެއަހަރު ތެރޭގައި ބައެއް އިމްތިޙާނުތައް ވަނީ ފަސްކޮށްފައެވެ. އަދި އިމްތިޙާނުތައް ބާއްވާފައިވަނީ ކޯވިޑްގެ ޙާލަތާއި ގުޅޭގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެގޮތުން މިއަހަރުވެސް އިމްތިހާނު ދުވަސްވަރު ކޯވިޑަށް ޕޮޒިޓިވްވާ ދަރިވަރުންނަށް ޚާއްސަ އިމްތިޔާޒުތަކެއްގެ ތެރެއިން އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށް ތަޢުލީމީ ދާއިރާއިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ކިޔެވުންފަށާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 10 އެއްގައެވެ.