ޚަބަރު

ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި 5 އަހަރު


ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއަށް ޚާއްސަ ރާއްޖޭގެ އެންމެ ވަރުގަދަ ނިއުސްރޫމަކީ ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް "ޕީއެސްއެމް ނިއުސް"އެވެ. ޚިދުމަތަށް 5 އަހަރު ފުރުނުއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ޚިދުމަތް މެދުކެނޑުމެއްނެތި އަންނަނީ ގެނެސްދެމުންނެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލްއެއްގެ ގޮތުގައި "ޕީއެސްއެމް ނިއުސް" ވުޖޫވެގެން އައިސްފައިވަނީ 2017ވަނަ އަހަރުގެ މެއިމަހުގެ 3ވަނަ ދުވަހުގައެވެ. ޚަބަރާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ގެނެސްދިނުމާއި ދޮގު ޚަބަރު ފެތުރުން ކޮންޓްރޯލްކޮށް އޭގެ ސަބަބުން މުޖުތަމަޢުގައި އުފެދޭ ހަމަނުޖެހުމުން ރައްޔިތުން ދުރުހެލިކުރުމަކީ ޕީއެސްއެމް ނިއުސްގެ މައިގަނޑު މަޤްސަދެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނާ ގުޅުންހުރި އެކި ކަންކަމުގެ މަޢުލޫމާތު ކަމާބެހޭ މުއައްސަސާތަކާއި ރައްޔިތުންގެ ޝުޢޫރާއެކު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސްވަނީ ފާއިތުވި 5 އަހަރު މަސައްކަތްކޮށްފައެވެ.

ޓީވީއާއި ރޭޑިއޯ އަދި ވެބްސައިޓު މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ނިއުސް ޓީމުން މަސައްކަތްކުރެއެވެ. އުތުރާއި ދެކުނުން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ކުރާ މިމަސައްކަތުގައި މާލޭގެއިތުރުން ހއ.ދިއްދޫއާއި ބ.އޭދަފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕީއެސްއެމްގެ ބިއުރޯތަކުގައި ނިއުސްޓީމުން ޙަރަކާތްތެރިވެއެވެ.

މިވޭތުވެދިޔަ 5 އަހަރު ތެރޭގައި ޤައުމަށް ދިމާވި ކޮންމެ ކަމެއްގައި ރައްޔިތުންނާ ހަމައަށް ތެދު ޞައްޙަ މަޢުލޫމާތު ގެެނެސްދިނުމަށް ނިއުސް ޓީމުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް ކަވަރުކުރުމާއި އެކި ކާރިޘާތަކާއި ނުރައްކާތެރި އެކި ޙާލަތްތަކާއި ޤައުމުގެ އިޖުތިމާޢީ އެކި މައްސަލަތަައް ޙައްލުކުރުމަށް ހޭލުންތެރިކުރުވުމުގައި މުވައްސަސާތަކާއި ގުޅިގެން ނިއުސްޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ޚާއްސަކޮށް މިވޭތުވެދިޔަ 2 އަހަރުތެރޭގައި ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ޙާލަތުގައި ދުނިޔޭގެ ހުރިހާ ތާކުވެސް ދޮގު ޚަބަރުގެ ސަބަބުން ނުރައްކާތެރި އެތައް ނުރައްކަލަކާއި ޤައުމުތަކުން ކުރިމަތިލާފައިވާ ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސްއިންވަނީ 24 ގަޑިއިރު މަސައްކަތްކޮށްފައެވެ. ޤައުމަށްކުރިމަތިވި އެޙާލަތުގައި އެންމެ ވަރުގަދަ ޓީމާއި ވަޞީލަތާއެކު ނިއުސް ޓީމުންވަނީ ރައްޔިތުންގެ ޚިދުމަތަށް ކެރިގެން ނުކުމެފައެވެ.

ޕީ.އެސް.އެމް ނިއުސްގެ ޚިދުމަތް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ސެޓަލައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ނިއުސް ޗެނަލްގެ ޚިދުމަތް ދެމުންގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން ރާއްޖޭގެ ޓީވީ ސްޓޭޝަނެއްގައި ހުރި އެންމެ ބޮޑު ޑިޖިޓަލް ޑިސްޕްލޭ ހުރީ ޕީ.އެސް.އެމް ނިއުސް ސްޓޫޑިއޯގައެވެ. އަދި ފެށުނީއްސުރެވެސް ނިއުސް ޗެނަލްގެ ޚިދުމަތް އެޗްޑީކޮށް ދެމުންދާއިރު، އެޗްޑީ ޚިދުމަތް ނުލިބޭ ސަރަހައްދުތަކަށް ޕީ.އެސް.އެމް ނިއުސް އެސްޑީވެސް ވަނީ ތަޢާރަފްކޮށްފައެވެ.


ޚިދުމަތް މިހާރަށްވުރެ ފުރިހަމަކޮށް ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު އެންމެ އަވަހަށް ގެެނެސްދިނުމަށް ދެގޮތެއް ނުވެ މަސައްކަތްކުރުމަކީ ޕީއެސްއެމް ނިއުސްޓީމުގެ ކޮންމެ މެންބަރެއްގެވެސް އަޒުމެވެ. އަޅުގަނޑުމެންގެ އަމާޒަކީ އެގޮތުގައި ދެމިތިބުމެވެ.