މެއި 9ގައި ފާހަގަކުރައި ނަޞްރުގެ ދުވަހުގެ ކުރިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ ނިންމުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ރަޝިޔާއިން ބުނެފިއެވެ.
އިޓަލީވިލާތުގެ ޓީވީ ޗެނަލަކާ ވާހަކަދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފު ވިދާޅުވީ އަވަސްއަރުވާލައިގެން އެ ޤައުމުގެ ނަޞްރުގެ ދުވަހުގެ ކުރިން ހަނގުރާމަ ނިންމުމުގެ ވިސްނުމެއް ނެތްކަމަށާއި އެ ދުވަހާ ދިމާކޮށް ހަނގުރާމަ ހުއްޓާނުލާނެކަމަށެވެ. އަދި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަކީ ވަކި ދުވަހަކަށް ބަލައިގެން ވަކި މުއްދަތެއްގެ ތެރޭގައި ޙާޞިލުކުރަން ނިންމާފައިވާ ހަނގުރާމައެއް ނޫންކަމަށްވެސް ލަވުރޯފު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ހަނގުރާމަ ހުއްޓާލާނީ ރަޝިޔާގެ އަސްކަރީ ލަނޑުދަނޑިތައް ޙާޞިލުކުރެވުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ނަޞްރުގެ ދުވަސް ޚާއްޞަކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމާގައި އެ ޤައުމަށް ޙަމަލާދިން ނާޒީ ޖަރުމަންވިލާތާ ދެކޮޅަށް ހޯދި ބޮޑު ކާމިޔާބީއަށެވެ. އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ރަޝިޔާގެ ފައުޖުތައް ބަރުހަތިޔާރާއެކު ބޮޑެތި އަސްކަރީ ހިނގާލުންތައް ކޮންމެ އަހަރަކުވެސް ބާއްވައެވެ. މި އަހަރުގެ ނަޞްރުގެ ދުވަސް ދިމާވެފައިވަނީ ޔޫކްރެއިނުގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދުވަސްވަރަކާއެވެ. ނަމަވެސް ލަވުރޯފު ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ކުލަގަދަކޮށް ނަޞްރުގެ ދުވަސް ފާހަގަކުރާނެކަމަށެވެ. އަދި އެ ޤައުމުން ބޭނުންވަނީ ނިޔުކްލިޔަރ ހަނގުރާމައަކުން ދުނިޔެ ސަލާމަތްކުރުންކަމަށާއި އެ ލަނޑުދަނޑުތައް ޙާޞިލުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި 1،000 ސިފައިން މަރުވެފައިވާކަމަށް އެ ޤައުމުން ބުނެފައިވެއެވެ.