ޚަބަރު

އުވެމުންދާ މަންޑި އަލާކުރުމުގެ ޢަޒުމުގައި، އުނގޫފާރު


ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ގިނަ ކުޅިވަރުތަކެއް ހުރެއެވެ. މީގެތެރެއިން އެތައް ކުޅިވަރުތަކެއް މިހާރުވަނީ އުވިގެންގޮސް ތާރީޚަށް ވެފައެވެ. ބައެއް ކުޅިވަރުތައް އުވިގެން ދިޔުމުގެ ބިރު ހީވެފައިވާއިރު އެހެން، އެކަން ވިޔަނުދިނުމަށް ބައެއް ރަށްރަށުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރު ކުޅިވަރެއްގެ ގޮތުން "މަންޑި" އާލާކުރުމުގެ ޖޯޝުގައި މަސައްކަތް ފަށާފައިވަނީ ރ.އުނގޫފާރު މީހުންނެވެ.

އުވިގެން ދިޔުމުގެ މަގުމަތީގައި އޮތް މަންޑި އާލާކުރުމަށް އުނގޫފާރުގައި އަންނަނީ އެކި ފެންވަރުގައި މަސައްކަތް ކުރެވެމުންނެވެ. އެގޮތުން ރ.އުނގޫފާރުގައި، މިދޔަ ރަމަޟާންމަހާ ދިމާކޮށް މަންޑި މުބާރާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިފެންވަރުގައި މިކުޅިވަރު ރާއްޖޭގައި ފަހުގެ ތާރީޚުގައި ކުރިއަށް ގެންގޮސްފައިވާކަން މިނޫނީ އިނގޭކަށް ނެތެވެ. އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މަންޑި މުބަރާތަށް ރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާކަމަށް އެކޮމިޓީއިން ފާހަގަކުރެއެވެ.

ހަތަރު ޓީމަކުން މިމުބާރާތުގައި ވާދަކޮށްފައިވާއިރު މުބާރާތުން އެއްވަނައަށް ގޮސްފައިވަނީ ޓީމް "ޑިފަރެންސް"އެވެ. އެޓީމު މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ޓީމް "ފުއްޓަރު"އާ ވާދަކޮށް އެކެއް ސުމެއްގެ ނަތީޖައަކުންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި، އުނގޫފދާރު ކޮމިއުނިޓީ ސެންޓަރުގެ ސްޕޯޓްސް ކައުންސިލަރ ޢަބްދުﷲ ޔާސިރު ބުނީ މިކުޅިވަރަކީ އުނގޫފާރުގެ ތާރީޚަށް ބަލާއިރު ވަރަށް ކުރިއްސުރެ ކުޅެމުން އަންނަ ކުޅިވަރެއްކަމަށެވެ. އަދި މިއީ ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް އުފާވެރި މުޖުތަމަޢެއް ބިނާކުރުމުގައި ކުރެވޭ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.

ދަނޑި ނުވަތަ ފޯލި ބޭނުންކޮށްގެން ކުޅޭ މިކުޅިވަރަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މީގެކުރިން ކުޅެއުޅުނު ކުޅިވަރެކެވެ. އެހެންނަމަވެސް ރަށްރަށުގައި ދުއްވާއެއްޗެހި ގިނަވެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ ސަބަބުން ޢާއްމުގޮތެއްގައި މަގުތަކުގައި ކުޅެއުޅުނު މިފަދަ ގިނަ ކުޅިވަރުތަކެއްވަނީ އުވިގެން ގޮސްފައެވެ. އުނގޫފާރު ރައްޔިތުންގެ ވިސްނުމަކީ މަންޑި ތާރީޚަށް ވިޔަނުދީ ކުރިއެރުވުމެވެ. އެހެންކަމުން މިމުބާރާތް ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމަކޮށް އިތުރަށް ފުޅާކޮށް ކުރިއަށްގެންދިޔުމަށް އެރަސު ރައްޔިތުން ބޭނުންވެއެވެ.