ޚަބަރު

ކޯވިޑް-19ގެ ފަސްވަނަ ރާޅެއްގެ ބިރުވެރިކަން ދެކުނު އެފްރިކާއަށް


ކޯވިޑް-19ގެ ފަސްވަނަ ރާޅެއްގެ ބިރުވެރިކަން ދެކުނު އެފްރިކާއަށް އެބައޮތްކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެފިއެވެ.

ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން އެންމެ ފުރަތަމަ ހަލުވިކަމާއެކު ފެތުރެން ފަށާފައިވަނީ ދެކުނު އެފްރިކާގައެވެ. ކޯވިޑް-19ގެ ހަތަރުވަނަ ރާޅަކުން އެ ޤައުމަށް އަރައިގަނެވިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީވެސް ދެކުނު އެފްރިކާއަށެވެ.

ދެކުނު އެފްރިކާގެ ޞިއްޙަތާބެހޭ ވަޒީރު ޖޯ ޕާލާ ވިދާޅުވި ގޮތުގައި އޮމިކްރޯނުގެ އެކި ވޭރިއެންޓުތައް އެ ޤައުމުގައިވަނީ ފެތުރެން ފަށައިފައެވެ. އެއާއެކު ކުރިޔަށް އޮތް ހޫނު މޫސުމުގައި އަނެއްކާވެސް އެ ޤައުމުގައި ހަލުވިކަމާއެކު ބަލިފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބަލިޖެހިގެން ހަސްފަތާލުން ފަރުވާ ހޯދަމުންދާ މީހުންގެ ނިޞްބަތ އިތުރުވި ނަމަވެސް ޙާލުދެރަވެގެން އައިސީޔޫއިން ފަރުވާ ހޯދާ މީހުންގެ ޢަދަދެއް އިތުރުވެފައެއް ނުވެއެވެ. އަދި އޮމިކްރޯން ފިޔަވާ އިތުރު ވޭރިއެންޓެއް ފެތުރެމުންދާކަން ޞިއްޙީ މާހިރުން ބުނެފައިނުވާކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 60 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އެފްރިކާގައި 3.7 މިލިޔަން މީހުންނަށް ބަލިޖެހި 100،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައިވަނީ އެންމެ %30 މީހުންނެވެ.