ދުނިޔޭގެ ވިޔަފާރި

ދެކުނު ކޮރެއާއިން މުދާ ބޭރުކުރާ މިންވަރު ދަށްވެ، އިމްޕޯޓް އެކްސްޕޯޓުގެ ފަރަޤު ބޮޑުވެއްޖެ


ދެކުނުގެ ކޮރެއާގެ އެކްސްޕޯޓް ދަށްވެ އިމްޕޯޓު ކުރާ މިންވަރު އިތުރުވުމާއެކު، އަހަރުން އަހަރަށް އެކްސްޕޯޓު ކުރާ މިންވަރު ލަފާކުރި ވަރަށް ވުރެ ނިސްބަތުން ދަށްވެފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

އެޤައުމުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެކްސްޕޯޓު އަހަރުން އަހަރަށް އިތުރުވާނެ ކަމަށް ރޮއިޓާސް ޕޯލްއިން ލަފާކޮށްފައިވަނީ 14.5 އިންސައްތައެވެ. ނަމަވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަދަދު މިއަހަރު އިތުރުވީ އެންމެ 12.6 އިންސައްތައެވެ. މިއީ 57.69 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ.

ދެކުނު ކޮރެއާއިން އެންމެ ގިނައިން ބޭރުކުރަނީ ސެމީކޮންޑަކްޓަރތަކެވެ. އެގޮތުން މިތަކެތި ބޭރު ކުރާ މިންވަރު 15.8 އިންސައްތައިގެ ކުރިއެރުން ހޯދިއިރު، ޕެޓްރޯކެމިކަލް އުފެއްދުންތަކުން 6.8 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. އަދި ތެޔޮ ބޭރުކުރާ މިންވަރު 68.8 އިންސައްތަ އިތުރުވީއިރު، ސްޓީލް އުފެއްދުންތައް ބޭރު ކުރާ މިންވަރު 21.1 އިންސައްތަވަނީ އިތުރުވެފައެވެ.

މި އަދަދުތަކާއެކުވެސް އެގައުމުގެ ޓްރޭޑް ޑެފިސިޓް ބޮޑުވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކުއެވެ. އެގޮތުން ސާފުނުކުރާ ތެލާއި ގޭހާއި، ކޯލް އެތެރެކުރުމުގެ ތެރެއިން 14.81 ބިލިއަން ޑޮލަރު އިތުރުވިއެވެ. އަދި ޖުމްލަ އިމްޕޯޓު 60.35 ބިލިއަނަށް މިމުއްދަތުގައި ވަނީ އަރަފާއެވެ.

ދެކުނު ކޮރެއާގެ އެކްސްޕޯޓު ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާއަށް މުދާ ބޭރުކުރާ މިންވަރު ދަށްވުމެވެ. އެގޮތުން ޗައިނާގެ ޒީރޯ ކޮރޯނާ ވައިރަސް ޕޮލިސީތަކާއި އަދި ލޮކްޑައުންތަކާއިއެކު، އުފެއްދުންތެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. މިއާއެކު ޗައިނާއަށް ބޭރުކުރަމުން އައި މުދަލުގެ ނިސްބަތް 3.4 އިންސައްތައަށް ވަނީ ދަށްވެފައެވެ.

އެގައުމުން ޗައިނާއަށް މުދާ ބޭރުކުރާ މިންވަރު ދައްވިނަމަވެސް، އެމެރިކާއަށް މުދާ ބޭރުކުރާ މިންވަރު 26.4 އިންސައްތަ އިތުރުވެފައިވާއިރު، ޔޫރަޕަށް މުދާ ބޭރުކުރާ މިންވަރު 7.4 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއަދަދުތަކާއިއެކުވެސް ދެކުނު ކޮރެއާގެ އިމްޕޯޓު އިތުރުވުމުން އިމްޕޯޓާއި އެކްސްޕޯޓު ދެމެދު ހުރި ފަރަގު ނުވަތަ ޓްރޭޑް ޑެފިސިޓް ވަނީ މާރިޗު މަހާއި އަޅާއި ބަލާ އެޕްރީލް މަހު އިތުރުވެފައެވެ.

އެގޮތުން ގައުމުގެ ޓްރޭޑް ޑެފިސިޓް މާރިޗު މަހުގައި 115 މިލިއަން ޑޮލަރުގައި ހުރިނަމަވެސް އެޕްރީލް މަސް ނިމުނުއިރު، ހުރީ 2.66 ބިލިއަން ޑޮލަރުގައެވެ.

ދެކުނުގެ ކޮރެއާގެ އެކްސްޕޯޓު ދަށްވެފައި މިވަނީ އެޤައުމުގެ އިންފްލޭޝަންވެސް މަތިވެފައިވާ ދުވަސްވަރެއްގައެވެ. މިއާއެކު އެ ޤައުމުގެ މަރުކަޒީ ބޭންކުން ވަނީ އިންޓްރެސްޓް ރޭޓުތަކަށްވެސް ބަދަލު ގެނެސްފައެވެ. އަދި މިއީ އޯގަސްޓް 2019 އަށް ފަހު މިއަދަދު މިހާ މަތިވެގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.