ޚަބަރު

ކަރަންޓުގެ ނިޒާމް ވަރުގަދަ ކުރެއްވުމަށް ގިނަ މަޝްރޫޢުތަކެއް


ސައުވީސް ގަޑިއިރުގެ ކަރަންޓްގެ ޔަޤީންކަން
ހޯއްދަވައިދެއްވުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ ތެރޭގައިވެސް ކަރަންޓްގެ
ނިޒާމް ވަރުގަދަ ކުރެއްވުމަށް ގިނަ މަޝްރޫޢުތަކެއް ރާއްވަވާފައިވާ ކަމަށް
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.ހަކަތައިގެ ދާއިރާއިން މައިގަނޑު
ހަތަރު މަޝްރޫޢެއް މިއަހަރު ތެރޭ ހިންގުމަށް ރާއްވަވާފައިވާކަމަށް އެ ކޯޕަރޭޝަނުން
ވިދާޅުވެއެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރުވެސް
ފައްޓަވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް
ވިދާޅުވިއެވެ.ރާއްޖޭގެ ރައްޔިތުންނަށް
ކަރަންޓްގެ ޔަގީންކަށް ހޯއްދަވައިދެއްވުމަށް ފެނަކަ ކޯޕަރޭޝަނުން މިދިޔަ އަހަރު
ވަނީ ބޮޑު މަޝްރޫޢެއް ކުރިއަށްގެންދަވާފައެވެ. 70 ޖަނަރޭޓަރު އަލަށް ގެނެސް،
ކަރަންޓްގެ ހާލަތު އެންމެ ދަށް ކަމަށް ބެލެވުނު ރަށްތަކަށް އެ ޖަނަރޭޓަރުތައް
ފޯރުކޮށްދިނުން ވެގެންދިޔައީ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދިނުމުގެ
ސިޔާސަތުގެ މުހިންމު ބަޔަކަށެވެ.މިދިޔަ އަހަރު ކުރިއަށްގެންދިޔަ
މަޝްރޫއުތަކަށްފަހު ފެނަކަ ކޯޕަރޭޝަނުން މިއަހަރު އަމާޒު ހިފާފައިވަނީ ދެގުނަ ބާރު
މިނުގައި ކުރިއަށްދިއުމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެގޮތުން ހަކަތައިގެ
ދާއިރާއިން މައިގަނޑު ހަތަރު މަޝްރޫޢެއް މިއަހަރު ތެރޭ ހިންގުމަށް
ރާއްވަވާފައިވާއިރު މީގެތެރޭގައި ހިމެނެނީ، އަލަށް 60 ޖަނަރޭޓަރު ގެނައުމާއި، 60
ރަށެއްގައި އަލަށް ހަދާ އިންޖީނުގެތަކުގެ މަސައްކަތްތަކާއި، 53 ރަށުގެ
ޑިސްޓްރިބިއުޝަން ކޭބަލް އާ ކުރުމަށް ހިންގާ މަޝްރޫޢަކާއި، ތެޔޮ ރައްކާ ކުރާނެ
ތާންގީތައް ބަނުމުގެ މަޝްރޫޢެކެވެ.   އިއާދަކުރަނިވި ހަކަތައިގެ
ދާއިރާގެ ތެރެއަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ވަނުމަށްޓަކައި ފެނަކައިން ގެންދަވަނީ
މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހަކަތައިގެ  ދާއިރާގެ އިތުރުން، ފެނާއި ނަރުދަމާގެ
ގިނަ  މަޝްރޫޢުތަކެއްވެސް ފެނަކައިން
ކުރިއަށް ގެންދަވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އައްޑޫ ސިޓީގެ ފެނުގެ
ނިޒާމްގެ މަސައްކަތަކީ ފެނަކައިން މިވަގުތު ކުރިއަށްގެންދާ އެންމެ ބޮޑު އެއް
މަޝްރޫޢުއެވެ.