ޚަބަރު

އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ މުދަލާއެކު މިމަހު ފަހުކޮޅު ރާއްޖެއަށް


ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ ބޯޓު މުދަލާއެކު މިމަހުގެ ފަހުކޮޅު ރާއްޖެއަށް އަންނާނެކަމަށް އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ ބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، މި ބޯޓަށް ކިޔާފައިވަނީ އެމްއެސްއެސް ކްރޮމް ކަމަށެވެ. އަދި މި ބޯޓު ހޭންޑު އޯވަރ ކުރުމުގެ މަސައްކަތާއި ރަޖިސްޓްރީގެ މަސައްކަތްތައްވެސް މިހާރު ނިމިފައިވާ ކަމަށާއި ބޯޓު ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުގައިވެސް އާއްމުންނާއި އެސްޓީއޯގެ ހިލަ އާއި ހިލަވެލި ގެނައުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

"ފުލް ކާގޯ އާއި އެއްކޮށް އަންނަން ޕްލޭންކޮށްފައި އޮތީ، މި ގެންނަނީ ހިލާ އާއި ހިލަވެލި، މިހާރުވެސް ކުރިއަށް އޮތް 6މަސް ދުވަހަށް މި ބޯޓުގައި ކާގޯ ގެނައުމަށް ބުކްކޮށްފައި ހުރީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހިލަ އަދި ހިލަވެއްޔަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކުރާ ބާވަތްތައްކަމަށްވާއިރު، ބޯޓުގެ ދަތުރުތައް ފެށުމުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެކަމަށް ޤަބޫލްކުރައްވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް ހިލަ އާއި ހިލަވެލި ރާއްޖެއަށް ގެނައުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެމްއެސްއެސްއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކުންފުނީގެ އަމިއްލަ ބޯޓެއްގައި މުދާ ރާއްޖެއަށް އުފުލަން ފަށާފައެވެ. "އެމްއެސްއެސް ގަލޭނާ" އަކީ 780 ކޮންޓެއިނާގެ ޖާގައާއި 60 ޓަނުގެ ކްރޭން އަދި 60 ފީފާ އުފުލޭވަރުގެ ބޮޑު ބޯޓެކެވެ. މި ބޯޓުގެ މައިގަނޑު ދަތުރުތައް ރޭވިފައި އޮތީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.