ވިޔަފާރި

އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 19 ވަނަ ދުވަހު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ 19 މެއި ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މިޖަލްސާގައި ޙިއްޞާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ވަޑައިގެން ބައިވެރިވުމުގެ ފުރުޞަތު މިހާރު އެމްޓީސީސީން ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީއިން ބުނީ މިޖަލްސާގައި ބައިވެރިވެވޭނީ 18 އޭޕްރީލް ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށެވެ.

އެމްޓީސީސީގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން 17 މެއި ވަނަ ދުވަހުގެ 20:30ގެ ކުރިން ރަޖިސްޓަރ ކުރަންޖެހޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

މިޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް، ނުވަތަ އީމެއިލް ކޮށްގެން ޖަލްސާއަށް އަމިއްލަ ހައިޞިއްޔަތުން ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެކަމަށެވެ.

މާލީ ހިސާބުތައް ދައްކާގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުން ދައްކާގޮތުން 2021 ވަނަ އަހަރު އެމްޓީސީސީން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ވަނީ ކޮށްފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު އެމްޓީސީސީއަށް ޖުމްލަ 1.38 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.71 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކައެވެ.

2021 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާއެވެ. މިއީވެސް އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދުކަމަށް އެ ކުންފުނިން ބުނެއެވެ.