ޚަބަރު

އޮސްޓުރޭލިޔާގެ އިންތިޚާބަށް ނުފޫޒުފޯރުވުމުގެ ތުޙުމަތު ޗައިނާއަށް


އޮސްޓުރޭލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބަށް ޗައިނާއިން ނުފޫޒުފޯރުވަމުންދާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން ތުޙުމަތުކުރައްވައިފިއެވެ.

މޭއި މަހުގެ 21ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބުގެ ކުރިން ނަގަމުންދާ ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކައި ގޮތުގައި މޮރިސަންގެ އިއްތިޙާދަށް ވެރިކަން ދިފާޢުއެއް ނުކުރެވޭނެއެވެ. އެއާއެކު ވޯޓުލުމުގެ ކުރިން އޮސްޓުރޭލިޔާގެ ސަލާމަތަށް އޮތް ނުރައްކާތައް ފާހަގަކުރެއްވުމަށް މޮރިސްވަނީ ޚާއްޞަ އިސްކަމެއްދެއްވައިފައެވެ. އެ ގޮތުން ޓެސްމޭނިޔާގައި ބޭއްވި ކެންޕޭނު ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން މޮރިސް ވިދާޅުވީ އޮސްޓުރޭލިޔާގެ ދާޙިލީ ކަންކަމަށް ޗައިނާއިން ނުފޫޒުފޯރުވުމަށް މަސައްކަތްކުރާކަން އެނގިވަޑައިގަންނަވާކަމަށާއި އެއީ ހުއްޓުވަންޖެހޭކަމެއްކަމަށެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޗައިނާއާމެދު އޮސްޓުރޭލިޔާއިން ހިތްހަމަނުޖެހުން އުފެދުނީ އަވަށްޓެރި ސޮލޮމަން އައިލެންޑްސާއެކު ޗައިނާއިން ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ. އެ އެއްބަސްވުމުގެ ދަށުން ސޮލޮމަން އައިލެންޑްސްގައި ޗައިނާގެ އަސްކަރީ ފައުޖުތައް ޤާއިމުވެ ތިބުމަށް ފުރުޞަތު ލިބޭނެއެވެ. އެއާއެކު އޮސްޓުރޭލިޔާގެ ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުންނާއި ޢާއްމުންވެސްވަނީ ހިތްހަމަނުޖެހުމާއި ކަންބޮޑުވުންފާޅުކޮށްފައެވެ. އެ ގޮތުން އޮސްޓުރޭލިޔާގެ ލޭބަރ ޕާޓީން ބުނެފައިވަނީ ޗައިނާއަށް އެފަދަ އެއްބަސްވުމެއް ޤާއިމުކުރުމަށް ފުރުޞަތު ލިބުނީ މޮރިސަންގެ ސަރުކާރުގެ ދޯދިޔާކަމުގެ ސަބަބުންކަމަށެވެ.

އޮސްޓުރޭލިޔާއާ އެންމެ 2،000 ކިލޯމީޓަރު ދުރުގައި އޮންނަ ސޮލޮމަން އައިލެންޑްސުން ބުނެފައިވަނީ ޗައިނާއާއެކު ސަލާމަތީ އެއްބަސްވުމެއްގައި ސޮއިކުރަން މަޖުބޫރުވީ އެ ޤައުމަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން އޮސްޓުރޭލިޔާއިން ފޯރުކޮށްދެވޭނެކަމަށް ނުބެލެވޭތީކަމަށެވެ. ޗައިނާއިން ބުނެފައިވަނީ އެއީ އެ ޤައުމާ ސޮލޮމަން އައިލެންޑްސާ ދެމެދު އޮތް އެއްބަސްވުމެއްކަމަށާއި އެއީ އޮސްޓުރޭލިޔާއިން ގޮތްކިޔަންޖެހޭ ކަމެއްނޫންކަމަށެވެ. ނަމަވެސް އޮސްޓުރޭލިޔާއިން ބުނެފައިވަނީ އެ އެއްބަސްވުމަކީ އެ ޤައުމުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށެވެ.