ޚަބަރު

ޓީޗަރުންގެ ދުވަސްވީ ޝަކުވާއަށް ނިމުމެއް، މުސާރައިގެ އޮނިގަނޑު ރައީސް އިއުލާންކުރައްވަނީ


ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުކުރައްވައި މުސާރައިގެ އޮނިގަނޑު މާދަމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއުލާންކުރައްވަން ނިންމަވައިފިއެވެ. އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެކަމާގުޅޭ މަޢުލޫމާތުތައް ޤައުމާ މުޚާޠަބުކުރައްވައި ރައީސް ހާމަކުރައްވާނެކަމަށެވެ.

ރާއްޖޭގެ އެހެނިހެން ސިނާއަތްތަކާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ ފަރަޤުގެ ބޮޑުކަމުގެ ވާހަކައަކީ ޒަމާނުއްސުރެ އޮތް ބޮޑު ޝަކުވާއެކެވެ. ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ އެފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭކަމަށް އެތައް ބަޔަކު ޤަބޫލުކުރިނަމަވެސް އެކަމުގައި ކުލަޖެހިގެން ގޮސްފައެއް ނުވެއެވެ. އެތައް ސަރުކާރުތަކެއް ބަދަލުވެގެން ދިޔައިރުވެސް އެކަމަށް ހައްލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ އެންމެ ދުވަސްވީ ޝަކުވާކވާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މިއާއެކު އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އުންމީދެއް ލިބިގެންދިޔައެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ޤައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމުގެ ވަޢުދު ފުއްދަވާއިރު، މުސާރަތައް 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ ނޫންކަމަށާއި ސްކޫލްތަކުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9،119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެގެ. އޭގެ ތެރޭގައި 6،498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1،730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ.

މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.

މި އަންނަ ބަދަލާއި ގުޅޭގޮތުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ރައީސްގެ އެ ނިންމެވުމުގެ ސަބަބުން ތަޢުލީމީ ދާއިރާގެ މުސްތަޤުބަލަށް އުންމީދެއް ލިބިގެންގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ތައުލީމީ ދާއިރާއާމެދު ލިބުނު އުންމީދަކީ ޤައުމު ބިނާކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ދެކޭކަމަށް ބައެއް މުދައްރިސުން ބުންޏެވެ.

ޓީޗާސް އެސޯސިއޭޝަނުން ބުނީ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް 2022 ވަނަ އަހަރުގެ މޭމަހުން ފެށިގެން ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުކުރަން ނިންމެވުމަކީ ޓީޗަރުން ތަމްސީލްކުރާ އެސޯސިއޭޝަނުން އުފަލާއެކު ބަލައިގަންނަކަމެއްކަމަށެވެ. އަދި ތަޢުލީމީ ދާއިރާގައި ތިބި ފެންވަރު ރަނގަޅު ޓީޗަރުން އެހެން ދާއިރާތަކަށް ދިއުމާއި ކިޔަވައިގެން ތިބި މޮޅެތި ކުދިން ތަޢުލީމީ ދާއިރާއަށް ޝައުޤުވެރިކަން ކުޑަވެފައިވާ މި ދަނޑިވަޅުގައި، މި ގެނެވުނު ހެޔޮ ބަދަލަށް އެ އެސޯސިއޭޝަނުން މަރުހަބާ ކިޔާކަމަށް އެ އެސޯސިއޭޗަނުން ބުންޏެވެ.

ތަޢުލީމީ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ތަރައްޤީކުރުމަށް މަސައްކަތްކުރާ ދާއިރާއެކެވެ. އެގޮތުން ދައުލަތުން ކަނޑައަޅާ ބަޖެޓުގައި އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވާ އެއްދާއިރާއަކީވެސް ތަޢުލީމީ ދާއިރާއެވެ. ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޓިވެޓް ސެންޓަރާއި ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނީކް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެކަމަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު މިހާތަނަށް 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށްވަނީ ބަދަލުކޮށްފައެވެ. އަދި މިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސް ރޫމާއި 6 މަލްޓިޕަރޕަސް ހޯލް ޢިމާރާތްވަނީ ކޮށްފައެވެ. އަދި އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި 27 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހުރިހާ މަސައްތަކަށް ދައުލަތުގެ ބަޖެޓުން 941 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ކޮންމެއަކަށް މިއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ހަޔާތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއެވެ. މިދާއިރާ ރަތައްޤީކުރެއްވުމަށް ބޮޑެތި މަސައްކަތްޕުޅުތަކެއް މިހާތަނަށްވެސް ވަނީ ކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބައްޕާފުޅަކީވެސް ތަޢުލީމީ ދާއިރާ ތަރައްޤީކުރައްވަން މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ހިންނަވަރުގައި ތައުލީމީ މަރުކަޒެއް ޤާއިމުކުރައްވަން މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އެއީ އެދުވަސްވަރުގެ ނިސްބަތުން ހިންންވަރު ދަރިންގެ ތައުލީމަށް ކުރެވުނު އެންމެ ބޮޑު މަސައްކަތްކަމަށް އެރަށުމީހުން ފާހަގަކުރައްވައެވެ.

މިއަދު މިފެންނަނީ ހިންނަރު މުހައްމަދު ޞާލިހުގެ ބޭފުޅެއް މިގައުމުގެ ވެރިކަމުގައި ހުންނަވައިގެން މުޅި ރާއްޖޭގެ ތައުލީމު ކުރިއެރުވުމަަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރައްވާތަނެވެ. ތައުލީމީ ދަރިންތަކެއް ބިނާކުރުމަށް ރައީސް ޞާލިހް ގެ ބައްޕާފުޅު މަސައްކަތް ކުރައްވަން ފުރުޞަތު ލިބިވަޑައިގަތީ އަތޮޅުފެންވަރުގައެވެ. ޤައުމީ ފެންވަރުގައި މިމަސައްކަތް ކުރައްވަން އޭނާގެ ދަރިކަލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ފުރުޞަތު ލިބިވަޑައިގަތުމުން މިފެންނަނީ ޤައުމީ ފެންވަރުގައި އެމަސައްކަތް ކުރައްވާތަނެވެ.