ޚަބަރު

ސަޢޫދީ ޖަސްޓިސް މިނިސްޓްރީގެ ވަފްދު ފުރާވަޑައިގެންފި


ސަޢޫދީ ޢަރަބިއްޔާގައި އިސްލާމީ ޝަރީޢާ ތަންފީޒު ކުރެއްވުމަށްޓަކައި
ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާ ކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވި
ވަފްދު ފުރާ ވަޑައިގެންފިއެވެ.



ސައުދީ ޖަސްޓިސް މިނިސްޓްރީގެ ވަފްދުގެ މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވައި ރާޢްޖޭގެ
ޝަރުޢީ ދާއިރާއިން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭ މައުލޫމާތު ހޯއްދެވިއެވެ.




އަދި ދެޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ
ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ސައުދީ ޓީމްގެ ދަތުރުގައި ސުޕްރީމް ކޯޓުން އަލަށް ޤާއިމުކުރެއްވި ޖުޑީޝަލް
އެކަޑަމީވެސް ވަނީ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި ޖުޑީޝަލް އެކަޑަމީ ކުރިއެރުވުމާއި، ރާއްޖޭގެ ފަނޑިޔާރުން ތަމްރީން ކުރުމުގައި
ސައުދީ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެ ވަފްދުގެ
ވެރިޔާ ވަނީ ދެއްވާފައެވެ.



މިއަދު އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަވާ
ޕީ.އެސް.އެމްއާ ވާހަކަފުޅުދައްކަވަމުން އެވަފްދުގެ ވެރިޔާ، ސައުދީ ޖަސްޓިސް
މިނިސްޓްރީގެ މުޝްރިފުލް ޢާންމު އަލްމުޝްތަޝާރު މަޢާލީ އައްޝައިޚް ޔޫސުފް ބިން
ޢަބްދުލްޢަޒީޒް އަލްފައްރާޖް ވަނީ އެޓީމްގެ ދަތުރުގައި ސަރުޢީ ދާއިރާއިން ދެއްވި
މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.



އަދި ދެޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން މިދަތުރުފުޅުގެ ސަބަބުން އިތުރަށް
ބަދަހިވެގެން ގޮސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން އެވަފްދަށް އަލްވަދާޢު
ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.