ބީއެމްއެލްގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ކުރިއެެރުން ހޯދައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހިސާބުތައް ދައްކާގޮތުން، ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ނިމިގެން ދިޔަ ކުއާޓަރއާ އަޅާބަލާއިރު %10ގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު މިއީ %14 ގެ ކުރިއެރުމެކެވެ.
ފުރަތަމަ ކުއާޓަރގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިއަހަރުގެ ހަތަރުވަނަ ކުއާޓަރއާ އަޅާބަލާއިރު %18 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށްވުރެ %55 އިތުރު އަދަދެކެވެ.
ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޜަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުންނެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. ނިމިގެންދިޔަ ކުއާޓަރގައި ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 1 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިންގ ވިއުގަ ވަނީ އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން 4 ރަށެއްގައި ސެލްފްސަރވިސް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފައެވެ.
ބީއެމްއެލްއަށް ލިބުނު މިކުރިއެރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކުން ކާމިޔާބު ނަތީޖާއެއް ދަމަހައްޓަމުން އަންނަ ކަމަށާއި، ބޭންކު މިއަދު ވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި ކަމަށެވެ.
" މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑަށްމެންނަށް ލިބުނު އުފަލެއް.ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.