މެދުއިރުމަތީގެ ޤައުމުތަކުގައި މަޝްހޫރު ހަޔާ މެގަޒިންއާ ގުޅިގެން އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.
މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ މި ކެމްޕެއިންގެ އަމާޒަކީ މެދުއިރުމަތީގެ މުއްސަދި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
ހަޔާ މެގަޒިންއަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ފެޝަން، ބިޔުޓީ އަދި ލައިފް ސްޓައިލަށް އަމާޒްކޮށް ނެރޭ މެގަޒިންއެކެވެ. މި މެގަޒިންގެ ޕްރިންޓް މީޑިއާ، އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިމެނެއެވެ. ހަޔާ މެގަޒިން 2.5 މިލިއަނަށްވުރެ ގިނަ ކިޔުންތެރިންނަށް ފޯރައެވެ. މި މެގަޒިން ފަރުމާކޮށްފައިވަނީ އަރަބި އަންހެނުންނަށް ޚާއްސަކޮށް ބޭނުންވާ މައުލޫމާތާއި، ހައި- ކޮލިޓީ ކޮންޓެންޓުގެ އިތުރުން ލައިފްސްޓައިލް އެކްސްޕީރިއެންސްތައް ހިމަނައިގެންނެވެ.
މި ކެމްޕެއިންގެ ދަށުން ހަޔާ މެގަޒިންއިން އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން ރާއްޖެއަށް ޚާއްސަ މައިކްރޯސައިޓެއް ހަދާ 3 މަސް ދުވަހު ލައިވް ކުރާނެއެވެ. އަދި އިން ހައުސް ބެނާ އާއި ތަފާތު ކޮންޓެންޓު ހަޔާ މެގަޒިންއިން އުފައްދާނެއެވެ. މީގެއިތުރުން ހަޔާ މެގަޒިނުން ރާއްޖެއާ ބެހޭ 15 ލިޔުމެއް ޝާއިރުކުރާނެއެވެ.
މިދިޔަ އަހަރު މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް 91413 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ސައުުދީ އަރަބިއްޔާ އަކީ މިދިޔަ އަހަރު ރާއްޖެއަށް 7ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި މާކެޓެވެ. މިއަހަރު ޖަނަވަރީ މަހާ ހަމައަށް 19022 ފަތުރުވެރިން މެދުއިރުމަތީ މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި، ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ރޯޑްޝޯތަކުގެ އިތުރުން ބޮޑެތި ފެއާތަކުގައި ބައިވެރިވުންހިމެނެއެވެ.