ވިމްބަލްޑަން ޓެނިސް މުބާރާތުގައި ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް ނުކުޅެވޭނެކަމަށް ނިންމި ނިންމުމަށް ސުވާލު އުފައްދައި، ކުޅިވަރާއި ސިޔާސީ ކަންތައްތައް އެކުވެގެން ނުވާނެކަމަށް ޓިއުނީޝިއާގެ ޓެނިސް ތަރި އޯންސް ޖެބުއާ ބުނެފިއެވެ.
މިދިޔަ ހަފުތާގައި ވިމްބަލްޑަން ޓެނިސް މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލަންޑް ލޯން ޓެނިސް ކުލަބުން ވަނީ ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިންނަށް މި އަހަރުގެ މުބާރާތުގައި ނުކުޅެވޭނެކަން ހާމަކޮށްފައެވެ.
ޖެބުއާއަށް ވަނީ މިފަދަ ބައެއް ކަންތައްތައް އަމިއްލައަށް ތަޖުރިބާކުރަން ޖެހިފައެވެ. އެގޮތުން 2020 ވަނަ އަހަރު އިސްރާއީލުގައި ބޭއްވި މުބާރާތެއްގައި ޓިއުނީޝިއާއިން ބައިވެރިނުވުމަށް އަންގާފައިވަނިކޮށް، އޭނާ މުބާރާތުގައި ބައިވެރިވުމުން އެ ގައުމުގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ޖެބުއާ ހާމަކުރިގޮތުގައި އޯލް އިންގްލަންޑް ކުލަބުން ނިންމި ނިންމުމަކީ ވަރަށް ހަރުކަށި ނިންމުމެއް ކަމަށެވެ. އެކަމަކު އޭނާއަށް ޔޫކްރެއިންގެ ރައްޔިތުން ތަހަންމަލުކުރަމުންދާ ކަންތައްތައް އިހްސާސުކުރެވޭ ކަމަށާއި، އަދި އޭނާވެސް މިހަނގުރާމައާ ދެކޮޅު ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އޭނާ ގާތު މީހުން އަބަދުވެސް ބުނަމުންދަނީ ކުޅިވަރާއި ސިޔާސީ ކަންކަން އެއް ނުކުރުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.
އަރަބި ދުނިޔޭގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޖެބުއާަށް ކުޅިވަރާއި ސިޔާސީ ކަންކަން އެކުނުކުރަން ގެންގުޅޭ އުސޫލުގެ ސަބަބުން ވަރަށް ބޮޑަށް ފާޑުކިޔުންތަކާއި ކުރިމަތިލާންޖެހެއެވެ.
ޖެބުއާ ވަނީ ދުނިޔޭގެ ރޭންކިންގެ 10 ވަނައަށް އެރި އަރަބި ގައުމަކަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށްވެ، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ.