ޚަބަރު

މޯލްޑިވިއަންގެ ހޭންޑް ލަގެޖު އުފުލުމުގެ ގަވާއިދަށް އެއްވެސް ބަދަލެއް ނުގެނޭ


މޯލްޑިވިއަންއިން ހޭންޑް ލަގެޖް އުފުލުމުގެ ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ބައެއް މީޑިއާތަކުން ވަނީ މޯލްޑިވިއަނުން ހޭންޑް ލަގެޖުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކިލޯއަށްވުރެ ބަރު ނޫން ދަބަހަކަށް ޗާޖުކޮށްފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. އަދި އެގޮތަށް ޗާޖުކޮށްފައިވަނީ ފްލައިޓް ފުލްވެފައި އޮތުމުން ކަމަށް ޗެކިން ކައުންޓަރުން ބުނި ކަމަށްވެސް ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސްއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އެއަރލައިނުން ދަތުރުވެރިންނަށް ދެމުންދާ ހޭންޑު ލަގެޖުގެ މިންގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

އެގޮތުން މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންނަށް ހޭންޑު ލަގެޖުގެ ގޮތުގައި، 5 ކިލޯ އިތުރު ޗާޖަކާއި ނުލައި ގެންދެވޭނެއެވެ. ހޭންޑު ލަގެޖުގެ ބަރުދަން އިތުރުވެއްޖެނަމަ އިތުރުވާބައި އެެއްވެސް ހާލެއްގައި ހޭންޑު ލަގެޖުގޮތުގައި ނޭރުވޭނެއެވެ. މިހާލަތުގައި 5 ކިލޯއަށް ވުރެ އިތުރުވާބައި ދޫކޮށްލާ ލަގެޖްގޮތުގައި ފޮނުވުމަށް ފުރުސަތު ދެވޭނެކަމަށް އައިލެންޑު އޭވިއޭޝަނުން ވިދާޅުވެއެވެ.

ހޭންޑު ލަގެޖަށް ގެންދާ ފޮށި ނުވަތަ ދަބަސްގެ ދިގުމިނުގައި 20 އިންޗި، ފުޅާމިނުގައި 12 އިންޗި އަދި އުސްމިނުގައި 7 އިންޗިއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށްވެސް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.