ވިޔަފާރި

މިދިޔަ އަހަރު އެމްޓީސީސީގެ ފައިދާ %21 އިތުރު


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ %21 އިތުރުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ އެމްޓީސީސީގެ 41 އަހަރުގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާއެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުން ދައްކާގޮތުން 2021 ވަނަ އަހަރު އެމްޓީސީސީން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ވަނީ ކޮށްފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2020 ވަނަ އަހަރު އެމްޓީސީސީއަށް ޖުމްލަ 1.38 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.71 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކައެވެ.

2021 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 28.13 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ 5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް 3.50 ރުފިޔާއެވެ. މިއީވެސް އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދުކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން 2021 ވަނަ އަހަރު އެމްޓީސީސީން ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގާފައެވެ. އެގޮތުން އަހަރު ތެރޭގައި ޢުމްރާނީ ތަރައްޤީގެ އައު 57 މަޝްރޫއެއް ކުންފުންޏާއި ހަވާލުކޮށް 27 މަޝްރޫއެއްގެ މަސައްކަތްވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިންގ ހަރަކާތްތަކެއްވެސް 2021 ވަނަ އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.