ޚަބަރު

" އައި ޗޫސް ލައިފް " ކެމްޕެއިން ނިމިއްޖެ


ދުންފަތާއި ދުރުހެލިވުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ " އައި ޗޫސް ލައިފް " ނުވަތަ އަހަރެން ބޭނުމީ ދިރިއުޅުން ކެމްޕެއިން މުރާޖައާކޮށް، އާ ކެމްޕެއިނެއް ފެށުމަށް ހިޔާލު ބަދަލުކުރުމަށް ފޯރަމެއް ބާއްވައިފިއެވެ. " އައި ޗޫސް ލައިފް " ކެމްޕެއިންގެ ފުރަތަމަ ބުރު ނިންމާލުމަށްފަހު  މިކެމްޕެއިންގައި ބައިވެރި ފަރާތްތަކުގެ ހިޔާލު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ހޯއްދަވާފައެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ފޯރަމްގައި ނިމިގެން ދިޔަ ކެމްޕޭންގައި ރަގަޅުކުރަން ފެންނަ ކަންތައްތަކާއި، ދެން ފަށާ ކެމްޕޭނެއްގައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ބައިވެރިން ހިޔާލު ހުށަހަޅާފައިވެއެވެ. އަދި މިހާރަށްވުރެ ފުޅާކޮށް މާލޭގެ އިތުރުން އެހެން ރަށްރަށުގައިވެސް މިކެމްޕޭން ހިންގުމުގެ މުހިންމުކަމާ ބެހޭގޮތުން ބައިވެރިން ހިޔާލް ފާޅުކޮށްފައިވެއެވެ.  މި ފޯރަމް ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނާ ވާހަކަފުޅުދައްކަވަމުން، ހެލްތް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އަބްދުﷲ ހަމީދު ވިދާޅުވީ، ކޮންމެ ބައިވެރިޔަކުވެސް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް އެކަމުން ދުރުކުރުވަން މަސައްކަތްކުރަން ޖެހޭކަމަށެވެ. އަބްދުﷲ ހަމީދު ވިދާލުވީ ދުންފަތް ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތަކެއް އެބަހުރިކަމަށާއި، އެހެންނަމަވެސް މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރެވިދާނެކަަމަށެވެ. މި ފޯރަމްގައި ވަނީ ކެމްޕޭންގައި ބައިވެރިވި ވޮލެންޓިއަރުންނާއި، ޖައްމިއްޔާތަަކަށް އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކުރައްވާފައެވެ. " އައި ޗޫސް ލައިފް "ގެ އިތުރު ކެމްޕޭންތައް ބޭއްވުމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީން މިހާރުވެސް ގެންދަވަނީ ތައްޔާރުވަމުންނެވެ.