ޚަބަރު

ކޯޓާއަށް ބެލުމަށްފަހު މިފަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ފުރުޞަތު ދެނީ ޙައްޖު ކޯޕަރޭޝަނާއި އިތުރު 2 ޖަމާއަތަކަށް


މަދުން ކޯޓާ ލިބެއްޖެނަމަ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު ދޭނީ ހައްޖު ކޯޕަރޭޝަންގެ އިތުރަށް 2 ޖަމާއަތަކަށްކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް މިފަހަރު ލިބޭނެ ކޯޓާގެ އަދަދު އަދިވެސް ރަސްމީކޮށް ރާއްޖެއަށް އަންގާފައި ނުވާކަމަށެވެ.

މިއަހަރު ޙައްޖަށް މީހުން ގެންދާ އަދަދު ސައުދީން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ދަށްވާނެކަން ސައުދީ ސަރުކާރުން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ސަޢުދީން އެކުލަވާލީ ލިސްޓްގައި ރާއްޖެއަށް 453 ކޯޓާ ދީފައި އޮތްނަމަވެސް އަދިވެސް އެކަން ރަސްމީކޮށް ނާންގާކަމަށާއި އިތުރަށް ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަހަރު ރާއްޖެއަށް ކޯޓާ މަދުން ލިބެއްޖެނަމަ ޙައްޖަށް މީހުން ގެންދިޔުމަށް ފުރުޞަތު ދޭނީ ޙައްޖު ކޯޕަރޭޝަނާއެކު އިތުރު 2 ޖަމާއަތަކަށްކަމަށެވެ. ނަމަވެސް ޖަމާއަތްތަކަށް ދޭނެ ވަރު ކަނޑައެޅޭނީ ރާއްޖެއަށް ކޯޓާ ލިބޭ ވަރު ރަސްމީކޮށް ސަޢުދީ ސަރުކާރުން އެންގުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢީދު ބަންދަށްފަހު ޙައްޖަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލްތައް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަނެކަމަށާއި ޕްރޮޕޯސަލްތައް ހުށައަޅަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް މިފަހަރު ރާއްޖެއިން މީހުން ގެންދިޔުމުގެ ހުއްދަ ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިިދިޔަ ހަފްތާގައި ޙައްޖަށް މީހުން ގެންދިޔުމާ ގުޅޭގޮތުން ޖަމާއަތްތަކާއެކު ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ ކޯވިޑްގެ ކުރިން ޙައްޖުގައި ބައިވެރިވާ މީހުންގެ ޢަދަދަށްވުރެ މަދު ޢަދަދެކެވެ. މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އައެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް-19 ފެތުރެން ފެށުމުން ބަލިކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ހުޅުވާލީ60000 މީހުންނަށެވެ.

ކޯވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށްވެސް ކޯޓާ ވަނީ ދީފައެވެ.

ޤައުމުތަކުން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ސަޢޫދީން އެކުލަވާލާފައިވާ ކޯޓާ ލިސްޓްގައި ވާގޮތުން 85 އިންސައްތަ މީހުންނަކީ އެހެނިހެން ޤައުމުތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ޤައުމަށް އެތެރެވާ މީހުންނެވެ. މިގޮތުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެއްމިލިޔަން މީނުންނަށް ފުރުޞަތު ދީފައިވާއިރު އޭގެ ތެރެއިން 850،000 މީހުންނަކީ އެހެނިހެން ޤައުމުތަކުގެ މީޙުންނެވެ. އަދި ސަޢުދީގެ ރައްޔިތުންނަށާއި އެޤައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން 150،000 މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ސަޢުދީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ކޯޓާ ދޫކޮށްފައިވަނީ އިންޑޮނޭޝިއާއަށެވެ. އެ ގޮތުން އެޤައުމަށް 100051 (އެއްލައްކަ ފަންސާސް އެކެއް) ކޯޓާ ވަނީ ދީފައެވެ. ޕާކިސްތާނަށް 81،132 ކޯޓާ ދީފައިވެއެވެ. އިންޑިއާއަށް 79،237 ކޯޓާ ދީފައިވާއިރު ބަންގްލަދޭޝްއަށް ލިބިފައިވަނީ 57،585 ކޯޓާއެވެ. އަދި ދެން އެންމެ ގިނައިން ކޯޓާ ލިބިފައިވާ ނައިޖީރިއާއަށް ދީފައިވަނީ 43،008 ކޯޓާއެވެ..

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.