ޚަބަރު

އދ.ގެ މައި މަރުކަޒުގައި މިއަދު ހުކުރުނަމާދު އިމާމުވެކޮށްދެއްވާނީ މިނިސްޓަރ ޝާހިދު


އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮންމެ ހުކުރު ދުވަހަކު އދ.ގެ މައި މަރުކަޒުގައި އިސްލާމީ ޤައުމުތަކުގެ މަންދޫބުންނާއި އދ. ގައި މަސައްކަތްކުރާ މުސްލިމު މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރާ ކަމަށެވެ. އަދި މިއަދުގެ ހުކުރު ނަމާދު އިމާމުވެކުރައްވާނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުކަމަށެވެ.

ނިއުޔޯކްގައި ހުކުރު ނަމާދުކުރާ ގަޑި ދިމާވާނީ ރާއްޖޭގެ ގަޑިން މިރޭ 10:00 އަށެވެ. އދ.ގެ މައި މަރުކަޒުގައި މިއަދު އޮންނަ ހުކުރުނަމާދު ޕީ.އެސް.އެމް ނިއުސްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފަހުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދ.ގެ މައި މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ މުޅި އދ. ގެ ތާރީޚުގައިވެސް ދިވެއްސަކު، އދ.ގެ މައިމަރުކަޒުގައި ހުކުރު ނަމާދު އިމާމުވެކުރައްވާ ފުރަތަމަ ފަހަރުވެސްމެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ޝާހިދަކީ ރާއްޖޭގެ ތާރީޚުގައިވެސް އދ.ގެ މިހާ އިސް މަޤާމަކަށް އިންތިހާބުކުރި ފުރަތަމަ ދިވެއްސެވެ.