އަތޮޅުތައް

12 އަހަރު ފަހުން އިނގުރައިދޫއިން ގޯތި ދޫކުރުމަށް ނިންމައިފި


12 އަހަރު ފަހުން ރ. އިނގުރައިދޫއިން  ގޯތި ދޫކުރުމަށް ނިންމައިފިއެވެ.



އިނގުރައިދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 33 ގޯއްޗެވެ. އެ ރަށު ކައުންސިލުން މަޢުލޫމާތުދެއްވި ގޮތުގައި މިހާރުވެސް  33 ގޯއްޗަށް 580 މީހަކު އެދިފައިވެއެވެ.



އިނގުރައިދޫ ކައުންސިލުން މިހާރު ވަނީ
ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓްދިނުމުގެ އުޞޫލްވެސް އާއްމުކޮށްފައެވެ. ގޯއްޗަށް އެދޭ ފޯމް އަންނަ އާދިއްތަ
ދުވަހުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާއިރު މާރޗް މަހުގެ އެކަކުން ފެށިގެން
31 ގެ ނިޔަލަށް ފޯމް ބަލައިގަންނާނެކަމަށް އިނގުރައިދޫ ކައުންސިލުން
މަޢުލޫމާތުދެއްވައެވެ.



ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރޭގައި
ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތް
ފަރާތަކަށްވެގެން ނުވާނެއެވެ. މި ބުރުގައި ގޯތިދޫކުރާ އަދަދަށް
މީހުން ނެގުމަށްޓަކައި، 50 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ މީހުންގެ މެދުގައި
ގުރުއަތު ލައިގެން ގޯތިލިބޭ
33 ފަރާތްހޮވުމަށް ވަނީ ހަމަޖެހިފައެވެ. އިނގުރައިދޫ ގެ އާބާދީއަކީ 1875 އެވެ.