ޚަބަރު

ޢީދު ހަރަކާތްތަކަށް ރައީސްގެ ދެކަނބަލުން މާފުުއްޓަށް ވަޑައިގަންނަވަނީ


ފިޠުރު ޢީދު ފާހަގަކުރުމަށް ކ. މާފުށީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒްނާ އަޙްމަދު މާފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ފިޠުރު ޢީދު މާފުށީގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެރަށުގެ ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ.

މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢީދުގެ ހަރަކާތްތަކުގެ ތެރޭގައި ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުމާއި، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ހެނދުނުގެ ސައިގެ އިތުރުން އެދުވަހު ހެނދުނު ބިރާގަން ސްޕޯޓްސް ކްލަބްގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެދުވަހުގެ ހަވީރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާފުށީ ކައުންސިލުގެ ރައީސް ޙަސަން ޞަލާޙު ވިދާޅުވީ، ޢީދު ދުވަހުގެ މެންދުރު ބާއްވާ ޚާއްސަ ފަރިއްކޮޅާއި، ހަވީރު އޮންނަ ކުޑަކުދިންގެ ހަވީރުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާގޮތަށް މިހާރު ހަމަޖެހިފައިވާކަމަށެވެ. މި ފަރިއްކޮޅަކީ މާފުށީ ޢީދު ހަރަކާތްތަކުގައި ބައިވެރިވުމަށް ދަޢުވަތުއެރުވިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ޝަރަފުގައި ރަށުގެ ރައްޔިތުން ދެއްވާ ފަރިއްކޮޅެކެވެ.

ފިޠުރު ޢީދު ދުވަހުގެރޭ ހުރިހާ އުމުރުފުރާތަކަށް ޚާއްސަކޮށްގެން މިއުޒިކް ޝޯވއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. މި މިއުޒިކް ޝޯވގެ ތެރެއިން ހަވާއެރުވުންވެސް ކުރިއަށްދާނެއެވެ. މާފުށީ ޢީދު ޝޯވގައި "ޔާރާ" ޓީމާއި "ހަބޭސް" ބޮޑުބެރު ގުރޫޕާއި ޞަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިއުޒިކްގެ އިތުރުން ޑީޖޭ ބައި އިންމަގެ ފޯރިގަދަ ހުށައެޅުންތަކެއްވެސް ފެންނާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.