ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އުސޫލާ ޚިލާފަށް ބާތިލުކުރި ކަމަށް ބުނެ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފީފާއަށް މައްސަލަ ހުށަހަޅައިފިއެވެ.
އުމުރުން 65 އަހަރުގެ ކޫޕްމަން ރާއްޖޭގެ ގައުމީ ޓީމާ ގުޅުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާގެ އެއްބަސްވުން ވަނީ އިތުރު ތިން އަހަރަށް އާކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކޫޕްމަންގެ އެއްބަސްވުން ވަނީ އުވާލާފައެވެ. އެފްއޭއެމުން އެ ފަހަރު ބުނީ ކޫޕްމަންގެ އެއްބަސްވުން އުވާލަން ނިންމީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން މެޗުތަކަށްފަހު، އޭނާއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.
އެކަމަކު ދާދި ފަހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ކޫޕްމަން ވަނީ އޭނާ މަގާމުން ވަކިކުރީ ނާޖާއިޒު ގޮތުގައި ކަމަށާއި، އަދި އޭނާއަށް ލިބުނު މާލީ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށް ފީފާއަށް ހުށަހަޅައިފައިވާ ކަމަށް ބުނެފައެވެ.
އެފްއޭއެމް ގޮވައިގެން ކޫޕްމަން ފީފާއަށް ދިޔައިރު، ކޫޕްމަންގެ އެސިސްޓަންޓަކަށް އެ ފަހަރު ގެނައި ނެދަލެންޑްސްގެ ރެނޭ ހިޑިންކުވެސް ވަނީ އެފްއޭއެމާ ދެކޮޅަށް ފީފާގައި މައްސަލަ ކުރިއަށް ގެންގޮސްފައެވެ. އެއާއެކު ރެނޭގެ މައްސަލަ ފީފާ ޓްރިބިއުނަލުން ބަލައި، އެފްއޭއެމުން ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދައްކަން ފީފާ އިން އެންގީ މިދިޔަ މަހު ފަހުކޮޅުގައެވެ.
ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެފައިވަނީ އެންމެ ތިން މެޗެވެ. އެއީ މިދިޔަ އަހަރުގެޖޫން މަހު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ ފަހު ތިން މެޗެވެ.
އެގޮތުން ކޮލިފައިންގައި ސީރިއާ އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ. އެކަމަކު ކޮލިފައިންގެ ފަހު މެޗުން ރާއްޖެ ވަނީ ފިލިޕީންސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މިއީ ތާރީޚުގައި ފިލިޕީންސް އަތުން ރާއްޖެއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. ކޫޕްމަންއަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށް ފަހު މަގާމު ގެއްލުނު ކޯޗެވެ.