ޚަބަރު

ޖަޕާނު ސަރުކާރުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް 2 ރިބް ހަދިޔާކޮށްފި


ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑްއަށް 2 ރިބް ހަވާލުކޮށްފިއެވެ.

މި 2 ރިބް އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި ހަވާލުކޮށްފައިވަނީ ހުޅުމާލޭ ކޯސްޓްގާޑް ސަރަޙައްދުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައިއެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަވާލުކުރެވުނު 2 ރިބްގެ އިތުރުން ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއަރނެސްއަށް ބޭނުންވާ އާލާތްތައް މިރަސްމިއްޔާތުގައި ވަނީ ޙަވާލު ކޮށްފައެވެ.

ޖަޕާން ސަރުކާރު އަދި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑްއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ވަނީ ފޯރުކޮށްދީފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނީޓަރކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަޞީލަތްތައް ފޯރުކޮށްދީފައިވެއެވެ. އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ޙަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސަރޗް އެންޑް ސީޒަރ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަރާތްތަކުން ދެއްވާފައިވާ އެހީގެ ސަބަބުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޤާބިލިއްޔަތުކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ހުޅުމާލޭ ކޯސްޓްގާޑް ސަރަޙައްދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޔޫ.އެން.އޯ.ޑީ.ސީ ޕްރޮގްރާމް ކޯޑިނޭޓަރ އަދި ޖަޕާންގެ އެމްބެސެޑަރ ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ޖަޕާންގެ އެމްބެސެޑަރ ޓަކެއުޗީ މިޑޯރީއާއި ޔޫ.އެން.އޯޑީ.ސީގެ ޕްރޮގްރާމް ކޯޑިނޭޓަރ ޕަރނިލް ރަސްމުސެންގެ އިތުރުން ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް އިބްރާޙީމް ޙިލްމީ ވަނީ ރަސްމިއްޔާތާއި މުޙާޠަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ރަސްމިއްޔާތުގައި ޖަޕާނުގެ ސަރުކާރާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއި ދެމެދު ހަނދާނީ ފިލާ ވަނީ ބަދަލުކުރެވިފައެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރިބް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަން އަކުންނެވެ.