ޚަބަރު

އައްޑޫ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ކްލާސްތައް ޢީދަށް ފަހު


އައްޑޫ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ކްލާސްތައް ފެށުން ފަސްކޮށްފިއެވެ. ފްލައިންގ ސްކޫލްގެ މިކްލާސްތައް ފަށަން ކުރިން ތާވަލުކޮށްފައިއޮތީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ (ފްލައިންގ ސްކޫލް) ކިޔެވުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި އައިލެންޑް އެވިއޭޝަން ސަރވިސްއާއި ގުޅިގެން ހިންގަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެގޮތުން ތިއަރީ ކްލާސްތައް ނިންމާ ދަރިވަރުންގެ ޕްރެކްޓިކަލް ކްލާސްތައް ފެށުމަށް މީގެކުރިން ތާވަލުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހެވެ. ނަމަވެސް އެދުވަސް ފަސްކުރަންޖެހިފައިވާ ކަމަށް އައިލެންޑް އެވިއޭޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު ޖެނިފާ ވިދާޅުވީ ބޭނުންވާ ބޯޓުތަކުގެ ތެރެއިން ތިން ބޯޓު މިމަހުގެ 11 ވަނަ ދުވަހު މާލެއަށް ގެނެސްފައިވާކަމަށެވެ. އެހެންނަމަވެސް އައްޑުއަށް ބޯޓުތައް ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ ލޮޖިސްޓިކްސް ބައެއް ކަންކަމުގައި ލަސްތަކެއް މެދުވެރިވެފައިވާތީ ރަސްމީކޮށް ފްލައިންގ ސްކޫލް ކުދިންގެ ޕްރެކްޓިކަލް ކްލާސްތައް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް ޢީދު ބަންދު ނިންމާފައިކަމަށް ޖެނިފާ ވިދާޅުވިއެވެ.

ފްލައިންގ ސްކޫލަށް ބޭނުންވާ 3 ބޯޓު މިހާރުވަނީ އައްޑޫ ސިޓީއަށް ފޮނުވާފައެވެ. އަދި މި ބޯޓުތައް އެސެމްބަލް ކުރުމުގެ މަސައްކަތް އިޓަލީގެ ޓެކްނަމް އެއަރކްރާފްޓް ކުންފުނީގެ ދެ އިންޖިނިއަރުންވަނީ މިދިޔަ މަހުގެ ތެރޭގައި ކޮށްފައެވެ. އަދި ބާކީ ތިން ބޯޓު ޢީދަށްފަހު އައްޑޫއަށް ފޮނުވުމުން އެބޯޓުތައްވެސް އެސެމްބަލް ކުރާނެކަމަށް އައިއޭއެސްއިން ވިދާޅުވެއެވެ.

ފްލައިންގ ސްކޫލްގައި ކިޔަވަމުންދިޔަ ކުދިންގެ ތެރެއިން މޯލްޑިވިއަން އެވިއޭޝަން އެކަޑަމީއިން ފުރަތަމަ ބުރުގައި ޖާގަ ދީފައިވަނީ 35 ކުއްޖަކަށެވެ. އަދި ބާކީ ތިބި ކުދިންނަށްވެސް ފުރުސަތު ހުޅުވާލާނެކަމަށް ފްލައިންގ ސްކޫލުން ވިދާޅުވެއެވެ.

ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޮޓިކްސްއިން އައްޑޫގައި ހިންގަމުންއައި ފްލައިންގ ސްކޫލްގެ މައްސަލަބޮޑުވެ ސަރުކާރުންވަނީ އެމައްސަލަގަނޑުގެ ތެރެއަށް ވަދެ ކުދިންނަށް ކިޔެވޭނެ މަގުފަހިކުރުމަށްޓަކާ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޤައުމީ އެއަރލައިން ހިންގަމުން އަންނަ އައިލެންޑް އެވިއޭޝަނަށް ފްލައިންގ ސްކޫލް ހިންގުން ހަވާލުކޮށްފައެވެ. މިއާއެކު ފްލައިންގ ސްކޫލަކީ ސީދާ ދިވެހި ދައުލަތުންގެ 100 އިންސައްތަ ހިއްސާވާ ސްކޫލަކަށްވަނީ ވެފައެވެ. ސްކޫލްގެ ފުރަތަމަ ބެޗުގައި ކިޔަވާ ދަރިވަރުންގެ ކޯހަށް ދައްކަންޖެހޭ 1500 ޑޮލަރު ލޯނުގެ ގޮތުގައި ދެއްކޭނެ އިންތިޒާމުވެސް ސަރުކަރުންވަނީ ހަމަޖައްސަވާފައެވެ.