ޚަބަރު

އަމާލް ކްލޫނީ ދެއްކި ވާހަކަތައް ޚާރިޖީ ވަޒީރު ދޮގުކުރައްވައިފި


ދިވެހި ރާއްޖޭގެ ޑިމޮކްރަސީއާ ބެހޭ ގޮތުން އިންސާނީ ހައްޤުތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރާ ވަކީލް އަމާލް ކްލޫނީ ދާދި ފަހުން ދެއްކި ވާހަކަތައް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ދޮގުކުރައްވައިފިއެވެ.ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ވެސް ހިމެނޭ އަމާލް އެމެރިކާގެ އެން.ބީ.ސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ރާއްޖޭގައި ޑިމޮކްރަސީ މަރުވެފައިވާ ކަމަށެވެ. މިވާހަކަތަކަށް ރައްދުދެއްވައި ރޮއިޓަރސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ، އަމާލްގެ ވާހަކަތަކަކީ ޚިޔާލީ ފޮލާގެ ވާހަކަތަކެއް ކަމަށާ މިއީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ.ޚާރިޖީ ވަޒީރު ދުންޔާ ވަނީ، ރާއްޖޭގެ ހާލަތު ރަނގަޅަށް ދެނެގަތުމަށް ފަހު މިކަމުގައި ގޮތެއް ނިންމުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި އަމާލް ދައްކާ ވާހަކަތަކަކަށް އެކަނި ބަރޯސާ ނުވުމަށްވެސް ޚާރިޖީ ވަޒީރު އިލްތިމާސްކުރެއްވިއެވެ.