ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަންނަ ޖެނުއަރީއަށް ނިމޭނެ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފުރަތަމަ ސްކޫލް "ޞަލާޙުއްދީން ސްކޫލު"ގެ ކިޔެވުން ފަށާނީ ދިރާސީ އާ އަހަރުގެ ދެވަނަ ޓަރމާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިސްކޫލް އަޅަނީ ހިޔާ ފްލެޓްތައް ހުރި ސަރަޙައްދުގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް "ޞަލާޙުއްދީން ސްކޫލު"ގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މިއީ 1000 އާއި 1200އާއި ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

ސްކޫލް އިމާރާތްކުރަނީ 6 ފަންގިފިލާއަށެވެ. ސްކޫލްގެ ކޮންސްޓްރަކްޝަން ގިނަ މަސައްކަތްތަކެއް މިހާރުދަނީ ފަށައިގެން ކުރިއަށެވެ. ސްކޫލްގެ މަސައްކަތް ނިންްމާ ކިޔެވުން ފެށުމަށް ކުރިން ޢަމާޒު ހިފާފައި އޮތީ މިއަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރާއެކުގައެވެ. ނަމަވެސް ކޮންޓްރެކްޓަރާ ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން މިހާރު މަޢުލޫމާތު ދީފައިވަނީ، ސްކޫލްގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކިޔެވުން ފެށުމަށް މިހާރު މަސައްކަތް ކުރަނީ ދިރާސީ އަހަރުގެ ދެވަނަ ޓަރމަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލަށް ކުދިން ނެގުމުގެ ކަންކަން ފަށާނީ، ފުރަތަމަ ޓަރމްގެ ފަހުކޮޅުކަމަށްވެސް އެމިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މި ސްކޫލަކީ 118 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރާ ސްކޫލެކެވެ. "ޞަލާޙުއްދީން ސްކޫލު" ނިސްބަތްވާ، ޙުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ ޚިދުމަތްތެރި އެއް އަދީބެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގިނަ ބަޔަކު އަންނަނީ ދިރިއުޅުން ބަދަލުކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ދެވަނަ ފިޔަވަހީގައި އެއްވެސް ސްކޫލެއް ނެތެވެ. ކުދިން ސްކޫލަށް ގެންނަނީ މާލެ ނޫނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސަށެވެ. މިކަމުގައި ބެލެނިވެރިންނަށް އަދި ދަރިވަރުންނަށްވެސް ވަރަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެއެވެ.

ހުޅުމާލޭގައި ސްކޫލް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ޕްރައިމަރީއާއި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްސަ 2 ސްކޫލެއްގެ މަސައްކަތް މި އޭޕްރިލް މަހުގެ ތެރޭގައިވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި 2 ޕްރީ ސްކޫލެއްގެ ޢަމަލީ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ. ޕްރީ ސްކޫލްތައް މިއަހަރު ފަށާ ދިރާސީ އާ އަހަރަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.