ވިޔަފާރި

"ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖު"ގެ މުއްދަތު އިތުރުކޮށްފި


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާއި ގުޅިގެން ކުރިއަށްގެންދާ "ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖު"ގެ މުއްދަތު ޓޫރިޒަމް މިނިސްޓްރީން އިތުރުކޮށްފިއެވެ. މި ޗެލެންޖްގެ މަޤްސަދަކީ، އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގެ ޒަރިއްޔާއިން 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރުކުރުމެވެ.

ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސްވަނީ ހުޅުވާލާފައެވެ. ކުރިން އޮތްގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މެއި މަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް މިހާރު ވަނީ މި މުއްދަތު 30 ޖޫންގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިޗެލެންޖްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ޙިއްސާކުރެވިދާނެއެވެ. އަދި މިއިން ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ޚާއްޞަ ކުރެވިފައިވާ ހޭޝްޓެގްތައް ހިމަނާ، މިނިސްޓްރީން ދީފައިވާ އޮފިޝަލް އެކައުންޓްތައް ޓެގް ކުރަންޖެހޭނެއެވެ.

ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖްގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ ވަނީ ހަމަޖައްސާފައެވެ. މި މުބާރާތުން ވަނަތައް ހޮވާނީ ދިވެހިންނާއި ބޭރު މީހުން ވަކިންނެވެ. ވަނަތަކަށް ހޮވޭ ދިވެހި ނަސީބުވެރި ފަރާތްތަކަށް 25000 ރުފިޔާއާއި ހަމައަށް ފައިސާގެ އިނާމުގެ އިތުރުން އުރީދޫ މައިފައިއެއް ލިބިވަޑައިގަންނަވާނެއެވެ. ވީޑިއޯ ޗެލެންޖުގައި ބައިވެރިވާ ބޭރު ގައުމުތަކުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖަކާއެކު އުރީދޫ ޓޫރިސްޓް މައިފައި އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.