ޚަބަރު

5ވަނަ "ތެވެލި" ބައިނަލްއަޤްވަމީ މަހާސިންތާ އޯގަސްޓްމަހު


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ބާއްވާ 5ވަނަ "ތެވެލި" ބައިނަލްއަޤްވަމީ މަހާސިންތާ އޯގަސްޓް މަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި މަހާސިންތާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އޯގަސްޓް މަހުގެ 22އިން 23ވަނަ ދުވަހަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިއަހަރުގެ މަހާސިންތަ ޚާއްސަކޮށްފައިވަނީ ޤައުމު ބިނާ ކުރުމަށްޓަކައި ކުރާ ދިރާސާތަކަށެވެ. މި މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށައެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކޮލަރުން ބައިވެރިވެގެން ރާއްޖޭގައި ބައްވާ އެންމެ ބޮޑު އެއް ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގެ އެންމެ މުހިއްމު މަޤްޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމްގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޤައުމީ ޔުނވަރސިޓީއަކީ ޢިލްމު އުފައްދާ ޢިލްމް ކުރިއަރުވާ ޔިނިވަރސިޓީއަކަށްވުންކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ޤައުމީ މުހިއްމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން ކުންފުނިތަކުން ހަދާފައިވާ އިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދާފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދާފައިވާ ހޯދުންތައް މި ކޮންފަރެންސްގައި ކުރިއަށްދާ އެކި ސެޝަންސްތަކުގައި ހުށައެޅިގެންދިއުމެވެ.

މި ކޮންފަރެންސްގައި އިނގިރޭސި ، ދިވެހި ނުވަތަ އަރަބި ބަހުންވެސް ޕޭޕަރު ހުށައެޅޭނެއެވެ.

ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން ފަންނީ ޢީލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއެވެ. އެހެންކަމުން މި ކޮންފަރެންސްއަކީ ޔުނިވަރސިޓީއަށާއި ރާއްޖެއަށް މުހިއްމު އިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ ކޮންފަރެންސެއްކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ.