ސިޔާސީ

ރައީސް ނަޝީދަށް މެޑިކަލް ލީވް ދެއްވުމުގައި ބޭރުގެ ފިއްތުމެއް ނެތް


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ހޯމް މިނިސްޓްރީން މެޑިކަލް ލީވް ދެއްވީ ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ސަބަބުން ނޫންކަމަށް ވިދާޅުވެ ހާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ.  މިއަދު ފޮރިން މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ދުންޔާ ވިދާޅުވީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތާ ޚިލާފަށް ރައީސް ނަޝީދުގެ މެޑިކަލް ލީވްއަކީ ސަރުކާރުން ނިންމެވި ނިންމުމެއްކަމަށާއި، އެއްގޮތަކަށްވެސް މިއީ ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ސަބަބުން ކުރެއްވިކަމެއް ނޫންކަމަށެވެ. އަދި މި ނިންމެވުމަކީ ބޭރުގެ ބައެއް އިސް ފަރާތްތަކުން ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުތަކުގައި ކުރިމަތި ކުރެއްވި ފިއްތުންތަކެއްގެ ސަބަބުން ކޮށްފައިވާކަމެއް ނޫންކަމަށެވެ.އެކަމަނާ ވިދާޅުވީ ރާއްޖެއަށް މިމަހުގެ ތެރޭގައި ތިން ޤައުމެއްގެ އިސްމަޤާމުތަކުގެ ބޭފުޅުން ކުރެއްވި ދަތުރުފުޅުތަކަކީ ހާރިޖިއްޔާއާއި މަޝްވަރާކޮށް ކުރިޔާލާ ރޭވިގެން ކުރެވުނު ދަތުރުފުޅުތަކެއްކަމަށެވެ. އަދި މިދަތުރުފުޅު ތަކާއި ރައީސް ނަޝީދުގެ މައްސަލައާއި ގުޅުމެއް ނެއްކަމަށް ވިދާޅުވިއެވެ. ނަމަވެސް އާދައިގެ މަތިން ރާއްޖެއަށް ކުރެއްވި ދަތުރުތަކުގައި ހުރިހާ ފަރާތްތަކާއި އެކުވެސް ސިޔާސީ މަސްރަހުގެ ވާހަކަތައް ދައްކާފައިވާނެކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މިއީ ރައީސް ނަޝީދު ބޭސްފަރުވާއަށް އެދިވަޑައިގެންނެވުމުން، އިންސާނިޔަތައްޓަކައި، ވިސްނެވުމަށްފަހު ނިންމެވި ނިންމުމެއްކަމަށް ދުންޔާ ވިދާޅުވިއެވެ.