ޑިޕްލޮމެޓް އޮފް ދި ޔިއަރ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާގެ އެވޯޑް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއަށް ލިބިވަޑައިގެންފިއެވެ.
މިއެވޯޑް އެކަމަނާއާ ޙަވާލުކުރައްވާފައިވަނީ، އައި.އެޗް.ޖީ ޑިޕްލޮމެޓު އޮފް ދަ އިޔަރ އެވޯޑްސް ހަފްލާގައެވެ. ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑަކީ އިނގިރޭސިވިލާތުގައި ޤާއިމުކޮށްފައިވާ 165 އަށްވުރެ ގިނަ ޑިޕްލޮމެޓިކް މިޝަންގެ ޑިޕްލޮމެޓުންގެ ތެރެއިން ވޯޓުލައިގެން ދޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ. ކޮންމެ އަހަރަކުވެސް މި އެވޯޑު ދެނީ 10 ބޭފުޅަކަށެވެ. މިއީ މިއެވޯޑް ދޭތާ 12 ވަނަ އަހަރެވެ. އޭޝިއާ އަދި އޯޝޭނިއާ އަކީ ގިނަ ޤައުމުތަކެއް ކަވަރުކުރާ ބޮޑު ސަރަހައްދަކަށްވާއިރު އެ ޤައުމުތަކުގެ ޑިޕްލޮމެޓުންގެ ތެރެއިން ޑރ. ފަރަހަނާޒް ފައިސަލްއަށް މިއެވޯޑް ލިބިވަޑައިގަތުމަކީ ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ޝަރަފެކެވެ.
މި އެވޯޑް ޙަފްލާ އިންތިޒާމުކުރީ "ޑިޕްލޮމެޓް މެގަޒިން"ގެ ފަރާތުންނެވެ. "ޑިޕްލޮމެޓް މެގަޒިން" އަކީ ޚާރިޖީ ދާއިރާއާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކާއި ވާހަކަތައް ޝާއިޢުކުރާ މަޝްހޫރު މަޖައްލާއެކެވެ.
Congratulations ?? High Commissioner to the UK @DrFarahFaizal for being awarded the
— Abdulla Shahid (@abdulla_shahid) April 26, 2022
2022 #Diplomat of the Year for #Asia & Oceania Award.
Your work in promoting & safeguarding the interests of Maldives is always exceptional! Proud of your achievements!
#DiplomatAwards2022 pic.twitter.com/4iFSnqLxgs
މި އެވޯޑާއި ޙަވާލުވެވަޑައިގަތުމަށްފަހު ޑރ. ފަރަހަނާޒް ފައިސަލް ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ އެވޯޑް ލިބިވަޑައިގެންނެވި ކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ހަމްދުކުރައްވައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު އެކަމަނާއަށް ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ހަމައެއާއެކު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މަސައްކަތްކުރައްވާ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އެކަމަނާ ރައްދުކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޔޫރަޕް ޑެސްކު އެކަމަނާގެ ޝުކުރުގެ ލިސްޓުގައި ވަކިން ޚާއްސަކޮށް ފާހަގަކުރެއްވިއެވެ. އަދި ޝުކުރުގެ ލިސްޓު ނިންމަވާލެއްވުމުގެ ކުރިން އެކަމަނާގެ އާއިލާގެ ފަރާތްޕުޅުން ލިބިޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.