ޚަބަރު

އަދުލުއިންސާފަށް އިތުބާރު ގެއްލޭފަދަ ޢަމަލެއްކޮށްފައިވާތީ އިސްޤާޟީ ޢަބްދުﷲއަށް ފިޔަވަޅު އަޅައިފި


ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީ، އަދުލު އިންސާފަށް އިތުބާރު ގެއްލޭފަދަ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއް ބެލުމަށްފަހު ޖުޑީޝަލް ސާރވިސް ކޮމިޝަނުން ފިޔަވަޅު އަޅައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ، ސިވިލް ކޯޓުން ބަލަމުންދާ މައްސަލައަކަށް ޙާޒިރުވުމަށް މީހަކަށް ޗިޓު ފޮނުވާފައިވަނިކޮށް އެމީހާއަށް މެޖިސްޓްރޭޓް ކޯޓަކުން ވެސް ޗިޓު ފޮނުވާފައިވާކަމަށާއި، އެހެންކަމުން ސިވިލް ކޯޓުގެ އަޑުއެހުން ފަހުގެ ތާރީޚަކަށް އޭނާގެ ފަރާތުން ފަސްކޮށްދިނުމަށް އެދުނުކަމަށެވެ. ނަމަވެސް އޭނާ އެފަދައިން އެދިފައިވަނިކޮށް ސިވިލް ކޯޓުގެ ގަޒިއްޔާ ޤާޟީ އަބްދުﷲ ބާޠިލުކޮށްފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އެ ޢަމަލުތަކަކީ ޢަދުލު އިންސާފް ޤާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން އަދި ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތަޢައްޞުބެއް އޮތްކަން ފެންނާންއޮތުމުގެ އިތުރުން ފަނޑިޔާރުގެ ޢަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެމަތިންކަން އިސްޤާޟީ ޢަބްދުﷲ ޢަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަޙުޤީޤަށް ސާބިތުވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، އިސްޤާޟީ ޢަބްދުﷲ ޢަލީއަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް އެކޮމިޝަނުގެ ބައްދަލުވުމުން ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.