ޚަބަރު

އިންޑޮނޭޝިޔާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން މަނާކުރުން: ދުނިޔޭގެ ބާޒާރަށް އަނެއްކާވެސް ލޮޅުން


އިންޑޮނޭޝިޔާއިން އެ ޤައުމުގައި ތެޔޮ ވިއްކާ އަގު ތިރިކުރުމަށްޓަކައި ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލަން ނިންމުމަކީ ދުނިޔޭގެ ބާޒާރަށް ޝޮކެއް ލިބިގެންދިޔަ ކަމެކެވެ. މި ނިންމުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހުރިހާ ވައްތަރެއްގެ ވެޖިޓަބަލް އޮއިލްގެ އަގު އުފުލިގެން ގޮސްފައިވާއިރު، އިންޑޮނޭޝިޔާގެ ތެޔޮ ކުންފުނިތަކުގެ ހިއްސާގެ އަގު ވެއްޓި، އެ ޤައުމުގެ ފައިސާގެ އަގަށްވެސް ވަނީ އަސަރުކޮށްފައެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ޕާމް އޮއިލް އުފައްދާ އަދި އެންމެ ގިނަ ޢަދަދަކަށް ޕާމް އޮއިލް އެކްސްޕޯޓުކުރާ ޤައުމެވެ. އެ ޤައުމުން މަހެއްގެ މައްޗަށް 3 ބިލިއަން ޑޮލަރުގެ ޕާމް އޮއިލް އެކްސްޕޯޓުކުރެއެވެ. ޚަބަރުތައް ބުނާގޮތުން އިންޑޮނޭޝިޔާގައި ކުކިން އޮއިލް ގަންނަން ލިބޭ އަގު ވަނީ 40 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. އަގު ކޮންޓްރޯލް ކުރުމަށްޓަކައި ސަބްސިޑީ ދިނުމާއެކު، ޖަނަވަރީމަހުގެ ފަހުކޮޅުން ފެށިގެން މާރިޗުމަހުގެ މެދާ ހަމައަށް އެކްސްޕޯޓު ލިމިޓްކުރުމުންވެސް އަގު ތިރިވެފައެއް ނުވެއެވެ.

އޭޕްރީލްމަހުގެ 22 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ރައީސް ޖޮކޯ ވިޑޯޑޯ ވަނީ އޭޕްރީލް 28އިން ފެށިގެން އެ ޤައުމުން ކުކިން އޮއިލް އާއި އޭގެ ރޯމެޓީރިއަލްސް އެކްސްޕޯޓުކުރުން ހުއްޓާލަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ. މިއީ އިންޑޮނޭޝިޔާގައި ކުކިން އޮއިލްގެ އަގު ދަށަށް ޖެއްސުމަށްޓަކައި، ވަގުތީގޮތުން ކަނޑައެޅި އުޞޫލެއް ކަމަށް އިދާރާތަކުން ހާމަކުރެއެވެ. މި ނިންމުމުގެ ދަށުން މިވަގުތު އެކްސްޕޯޓުކުރުން މަނާކޮށްފައިވަނީ އާރް.ބީ.ޑީ ގްރޫޕުގައި ހިމެނޭ ސާފުކޮށް، ބްލީޗްކޮށް، ވަހާއި ރަހަ ކަނޑުވާފައިވާ ޕާމް އޮއިލް ވައްތަރުތަކެވެ. ނަމަވެސް، އެތެރޭގެ ބާޒާރުގައި އުފެއްދުން މަދުވެއްޖެނަމަ ސާފުނުކުރާ ޕާމް އޮއިލްގެ ވައްތަރުތައްވެސް މަނާކުރާނެކަމަށް އޮފިޝަލުން ހާމަކުރައްވައެވެ.

އ.ދ. ގެ ފުޑް އެޖެންސީން މިމަހު ހާމަކޮށްފައިވާގޮތުން މާރިޗުމަހު އެކަނިވެސް ދުނިޔޭގައި ކާބޯތަކެތީގެ އަގު 13 އިންސައްތަ އުފުލުނެވެ. މިއީ ރިކޯޑު މިންވަރެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މި ދަނޑިވަޅުގައި ޕާމް އޮއިލް މާކެޓުގެ ސަޕްލައި ކުއްލިއަކަށް މަދުވެގެން ދިއުމުން އިންފްލޭޝަންގެ ޙާލަތު މިހާރަށްވުރެ އިތުރަށް ގޯސްވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ވަކިން ޚާއްޞަކޮށް އޭޝިޔާއާއި އެފްރިކާގެ ޤައުމުތަކަށް އަސަރުކުރާލެއް ބޮޑުވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އިންޑޮނޭޝިޔާގެ ނިންމުމާއެކު ފާއިތުވި ހަފްތާގައި އިންޑިއާއާ، ޕާކިސްތާނާ، ބަންގްލަދޭޝްއިންވެސް ވަނީ ވެޖިޓަބަލް އޮއިލްގެ އަގު ބޮޑުކޮށްފައެވެ.

ޕާމް އޮއިލް އުފައްދަނީ ޕާމް ޓްރީގައި އަޅާ މޭވާއިންނެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ވެޖިޓަބަލް އޮއިލްގެ ވައްތަރެވެ. މި ތެލަކީ ބިސްކޯދާއި، މާޖިރީނާއި، ޗޮކުލެޓުން ފެށިގެންގޮސް ރީތިވާ ސާމާނާއި، ޑިޓާޖެންޓުގައިވެސް ބޭނުންކުރާ މާއްދާއެކެވެ.

ދުނިޔޭގެ ބާޒާރުގައި ވެޖިޓަބަލް އޮއިލްގެ ވިޔަފާރިއަށް ބަލާއިރު، ފާއިތުވި 6 މަސްދުވަހު ޑިމާންޑަށްވުރެ ސަޕްލައި މަދުވެ، އަގުތައް ވަނީ 50 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. އަހަރުގެ މިހާތަނަށް އައިއިރު ޕާމް އޮއިލްގެ އެންމެ ބޮޑު ދެ ސަޕްލަޔަރުން ކަމަށްވާ އިންޑޮނޭޝިޔާ އާއި މެލޭޝިޔާގެ އުފެއްދުންތެރިކަން ހުރީ ކުރީ އަހަރުތަކަށްވުރެ ދަށުގައެވެ. ހަނގުރާމައިގެ ސަބަބުން ސަންފްލާވާ އޮއިލްގެ މައި ސަޕްލަޔަރު ކަމަށްވާ ޔޫކްރެއިންގެ ޝިޕްމަންޓުތައް ލިބުން ވަނީ ހުއްޓިފައެވެ. މީގެ އިތުރުން އެންމެ ގިނައިން ސޯއިބީން އޮއިލް އެކްސްޕޯޓުކުރާ އާޖެންޓީނާގައި ހަނަފަސްކަމުގެ ސަބަބުން ދަނޑުވެރިކަން ވަނީ ދަށްވެފައެވެ. އެހެންކަމުން އިންޑޮނޭޝިޔާއިން ބައިނަލްއަޤްވާމީ މާކެޓަށް ޕާމް އޮއިލް ވިއްކުން ހުއްޓާލާކަން އިޢުލާންކުރުމާއެކު ދުނިޔޭގެ ބާޒާރުގައި ސޯއިބީން އޮއިލްގެ އަގު ވަނީ 4.5 އިންސައްތައަށް އުފުލި، ޕައުންޑެއް 83.21 ސެންޓުގެ ރިކޯޑު މިންވަރަކަށް ޖެހިފައެވެ.

އިތުރު ތަފްޞީލަކާއި ނުލައި ކުއްލިގޮތަކަށް އިންޑޮނޭޝިޔާއިން ޕާމް އޮއިލް ބޭރުކުރުން ހުއްޓާލާކަން އިޢުލާން ކުރުމުން ދުނިޔޭގެ ބާޒާރަށް ކުއްލި ޝޮކެއް ލިބުނު ނަމަވެސް، އެ ޤައުމުގެ ޕާމް އޮއިލް ފާމާސް ޔޫނިއަނުން ވަނީ މި ނިންމުމަށް ތާޢީދުކޮށްފައެވެ. ސަބަބަކީ އެ ޤައުމުގައި ކުކިން އޮއިލް ހުސްނުވެ، އަތްފޯރާ އަގެއްގައި ލިބެންއޮތީ އެކްސްޕޯޓު ހުއްޓާލައިގެން ކަމަށް ޔޫނިއަނުން ބުނެއެވެ. އިންޑޮނޭޝިޔާއިން އަލުން ބޭރަށް ތެޔޮ ވިއްކަން ފަށާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.