ޚަބަރު

ސާއިދު ކިޑްނީ ބަދަލުކުރުމަށް ލަންކާއަށް، އެދެނީ ހެޔޮ ދުޢާއަށް


ނޫސްވެރިޔާ އަހްމަދު ސާއިދު ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް އަވަށްޓެރި ސްރިލަންކާއަށް ފުރައިފިއެވެ. ސާއިދު ކިޑްނީ ބަދަލުކުރުމަށް ހަދާ އޮޕަރޭޝަނަށް އޭނާގެ ޑޯނަރާއެކު ލަންކާއަށް ފުރާފައިވަނީ މިއަދު ހެނދުނެވެ.

ސާއިދު ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ފުރާފައި މިވަނީ އޭނާގެ ދެ ކިޑްނީ ފެއިލްވެ، އެވޭނުގައި ގާތްގަނޑަކަށް 4 އަހަރު ހޭދަކުރުމަށްފަހުއެވެ.

ލަންކާއަށް ފުރުމުގެ ސާއިދު އޭނާގެ ފޭސްބުކުގައި ލިޔެފައިވާ ޕޯސްޓެއްގައި މިކަމަށް މާލީ އެހީތެރިކަމެއް ދެވެން ނެތަސް ހެޔޮ ދުޢާއަކީވެސް ދެވޭނެ ވަރަށް ބޮޑު ހަދިޔާއެއްކަން ފާހަގަކޮށް، އޭނާއާއި އޭނާގެ ޑޯނަރަށް ހެޔޮ ދުޢާ ކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި އުއްމީދަކީ ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށްފަހު، ގަދަވެ ސަލާމަތުން ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫޢަވުންކަމަށްވެސް ސާއިދު ބުނެފައިވެއެވެ.

ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެކަން އޭނާއަށް އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ. އެފަހުން އޭނާ ދިޔައީ ޑަޔަލަސިސް ހަދާ، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި ގާތްއެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތް އޭނާ ދިޔައީ ކުރަމުންނެވެ.

ކިޑްނީ ބަލީގެ ވޭނުގައި ހިތްދަތި ދުވަސްތަކެއް ހޭދަކުރުމަށް ސާއިދު އޭނާގެ 15 ވަނައަށް ލިބުނު ޑޯނަރާއެކު ލަންކާއަށް މިއަދު ފުރާފައިވަނީ ވަރަށް އުއްމީދާއެކުއެވެ.

2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއާއި ގުޅުނު ޒުވާން ސާއިދަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ. ވަކިން ޚާއްސަކޮށް ކޮމެންޓްރީ ދިނުމާއި، ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި އޭނާއަކީ ފާހަކޮށްލެވޭ ނޫސްވެރިއެކެވެ. ސާއިދަކީ ކުޅިވަރު އާއިލާގެ ލޯތްބާއި އިޙްތިރާމް ހޯދާފައިވާ ނޫސްވެރިއެކެވެ.