ޚަބަރު

ޔޫކްރެއިނަށް ހަތިޔާރު ފޮނުވާތީ ރަޝިޔާގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް


ޔޫކްރެއިނަށް ހަތިޔާރު ފޮނުވާތީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ރަޝިޔާއިން ދީފިއެވެ.

އެމެރިކާއަށް ރަޝިޔާއިން ކަނޑައަޅާފައިވާ ސަފީރު އެނަތޮލީ އެންތޮނޯފު މެދުވެރިކޮށް އެ ޤައުމުންވަނީ ޔޫކްރެއިނަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށާއި އެހެންނޫންނަމަ ހަނގުރާމަ އިތުރަށް ދިގުލައިގެންގޮސް ދެ ފަރާތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން އެމެރިކާގެ ސަރުކާރުގައި ބުނެފައެވެ. ޔޫކްރެއިނުން އެދުނު ނަމަވެސް އެމެރިކާއިންވަނީ އެ ޤައުމަށް ސިފައިން ނުފޮނުވާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް ބަދަލުގައި އެމެރިކާއިންވަނީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި 3.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި ބަރުހަތިޔާރާއި ޓޭންކަރާއި މަތިންދާބޯޓާއި މަނަވަރާ ދެކޮލަށް ބޭނުންކުރާ މިސައިލް ހިމެނެއެވެ. އެންތޮނޯފު ސިފަކުރެއްވި ގޮތުގައި އެއީ އަލިފާނަށް ތެޔޮއެޅުންފަދަ ނުރައްކާތެރި ކަމެކެވެ. އެ ގޮތުން އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޮނުވާނަމަ ރަޝިޔާއިން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކުރަން މަޖުބޫރުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ހަތިޔާރު ފޮނުވުން ހުއްޓާލުމަށް ރަސްމީކޮށް ރަޝިޔާއިން ބުނެފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި އަސްކަރީ އެހީގެ ގޮތުގައި އިތުރު 322 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ވަޢުދުވެފައިވަނިކޮށެވެ.