ޚަބަރު

ސަބްސިޑީތައް ކަނޑާލުމުން މާލީ އިދާރާތަކުގެ ބޮޑު އެހީއެއް ޕާކިސްތާނަށް


ދިގު މުއްދަތަކަށް ބަހާލައިގެން ބައިނަލްއަޤްވާމީ މާލީ އިދާރާއިން ބޮޑު އެހީއެއް ހޯދުމަށް ޕާކިސްތާނުން އެދެފިއެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާއާ މަޝްވަރާކުރުމަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނެވި ޕާކިސްތާނުގެ މާލީ ވަޒީރު މިފްތާހު އިސްމާއީލް ވިދާޅުވީ އެ އިދާރާއިން ދޭން އެއްބަސްވެފައިވާ ހަ ބިލިޔަން އެމެރިކާ ޑޮލަރު އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައިވާނެކަމަށާއި ދިގު މުއްދަތަކަށް އެ އިދާރާގެ މާލީ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވެފައިވާނެކަމަށެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާއާއެކު އެދެވޭ މަޝްވަރާތަކެއް ބޭއްވިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އިތުރު މަޝްވަރާއަށް އެ އިދާރާގެ ވަފުދެއް ޕާކިސްތާނަށް އައުމަން ހަމަޖެހިފައިވާކަމަށެވެ. އެ އިދާރާގެ މާލީ އެހީ ޕާކިސްތާނަށް ކަށަވަރުވުމުން ބޭރުގެ އެހެން ފަރާތްތަކުން އެހީ ހޯދުމަށް އެ ޤައުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެއެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއިން އެހީތެރިކަން ހޯދުމުގެ ކުރިން ޚަރަދުތައް ކުޑަކުރަންޖެހޭކަމަށް އެ ޤައުމުން ކުރިން ބުނެފައިވެއެވެ. އެ ގޮތުން ޕާކިސްތާނުން ނިންމާފައިވަނީ ތެލާއި ކަރަންޓަށް ދެމުންދާ ސަބްސިޑީތައް ކަނޑާލުމަށެވެ. ނަމަވެސް އެ ނިންމުމުގެ ސަބަބުން އެ ޤައުމުގެ ފަޤީރުންނަށް ކުރާނެ ނޭދެވޭ އަސަރު ބޮޑުވާނެއެވެ. މި އަހަރުގެ އޭޕުރިލް މަހުން ޖޫން މަހަށް ތެލާއި ކަރަންޓަށް ސަބްސިޑީ ދިނުމަށް އެ ޤައުމުން 2.1 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ.

ޕާކިސްތާނުގެ ސަރުކާރުން އުއްމީދުކުރަނީ 2019ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަޤްވާމީ މާލީ އިދާރާއިން ދޭން އެއްބަސްވެފައިވާ ހަ ބިލިޔަން އެމެރިކާ ޑޮލަރުގެ ލިބޭނެކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގެ ބޭރު ފައިސާގެ ރިސާވުވަނީ 10.8 ބިލިޔަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެހެންކަމުން ބޭރުގެ އިދާރާތަކުގެ މާލީ އެހީތެރިކަން ހޯދުމަށް އެ ޤައުމަށްވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތުގެ ސަބަބުންނާއި އެ ޤައުމުގެ ޚަރަދުތަކާމެދު ހުރި ކަންބޮޑުވުންތަކުގެ ސަބަބުން އެ އިދާރާތަކުން އެ ޤައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ފަސްޖެހިފައެވެ.

ކޯވިޑް-19ގެ ސަބަބުންނާއި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޕާކިސްތާނުގައި ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. އޭގެ އިތުރުން އެ ޤައުމުގެ އިޤްތިޞާދު މި އަހަރުގެ ތެރޭގައި ކުރިއަރާނެކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއިން ލަފާކޮށްފައިވަނީ %4އަށެވެ.