ޑީއެންއޭ ދުވަހާއި ގުޅިގެން ދިވެހި ފުލުހުންގެ ފޮރެންސިކް ސަރވިސަސްގެ ފަރާތުން ސްޓޫޑެންޓް އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ފުލުހުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ސްކޫލްތަކުން 150 ދަރިވަރުންވަނީ ބައިވެރިވެފައެވެ.
ފުލުހުންގެ ފަރާތުން އިސްކަންދަރު ކޮށީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި މާލޭގެ 7 ސްކޫލަކުން 150 ދަރިވަރުން ބައިވެރިވެފައިވާކަމަސް ފުލުހުން ވިދާޅުވެއެވެ. މިޕްރޮގްރާމްގެ ތެރެއިން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ޑީއެންއޭއާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިގޮތުން ދީފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑީއެންއޭ ލެބޯޓްރީއާއި ޑީއެންއޭއާ ގުޅޭ މައުލޫމާތާ އަދި އެ ލެބޯޓްރީން ކޮށްފައިވާ އެކި މަސައްކަތްތަކުގެ މައުލޫމާތު ހިމެނެއެވެ.
އިސްކަންދަރު ކޮށީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަސީރެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޑީއެންއޭ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. މިޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށްވަނީ ހަނދާނީ ލިޔުންދީފައެވެ.
ޑީއެންއޭ ދުވަހަކީ އެޕްރީލް މަހުގެ 25ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހު 25ވަނަ ދުވަހު ތަފާތު އެކި ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.