ޚަބަރު

"ހިޔާ ޕާކު" ފަރުމާކުރުން ހިޔާގެ ރައްޔިތުންނަށް


ހިޔާ ސަރަޙައްދު ކޮންސްޓްރަކްޝަން ސައިޓަކުން، ހިތްފަސޭހަ މާޙައުލަކަށް ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަ ލޭންޑް ޔޫން ޕްލޭނެއްގެދަށުން ދެވަނަ ފިޔަވަހި ފަރުމާކޮށްފައިވަނީ، ހުޅުމާލޭގެ ފޭސް އެކެކޭ އެއްގޮތަށް ހިތްފަސޭހަ "ގްރީން ސްޕޭސް"ތައް ގިނަ ސަރަޙައްދެއްގެ ގޮތުގައެވެ.

އެގޮތުން ފަށާފައިވާ އެންމެ ފުރަތަމަ މަސައްކަތަކީ މީހުން އާބާދުވާން ފެށި ހިޔާ ސަރަޙައްދު ފެހި ކޮށް، އާއްމުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ސަރަޙައްދަކަށް ހެދުމުގެ މަސައްކަތެވެ.

"ހިޔާ ޕަރކް ސްޓޭޖް 1"ގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ. މި ޕާކު ފަރުމާކޮށްފައިވަނީ އިށީންދެލައިގެން ތިބެވޭނެ ހިތް ފަސޭހަ މާހައުލެއްގެ ގޮތުގައެވެ.

އެޗްޑީސީން މިހާރު ތައްޔާރުވަމުން ދަނީ "ހިޔާ ޕަރކް ސްޓޭޖް 2"ގެ މަސައްކަތް ފެށުމަށެވެ. މި މަސައްކަތް ގެންދާނީ ހިޔާ ޕަރކް ސްޓޭޖް 1ގެ މަސައްކަތާ ގުޅޭ ގޮތަށެވެ. ޕަރކްތައް ހަދަނީ ހިޔާގެ ބަސް ސްޓޭޝަންތައް ހުރި ބޮލޮކްގެ މެދަށް އޮންނަ ބޮޑު ހުސް ސަރަޙައްދުގައެވެ.

"ހިޔާ ޕަރކް ސްޓޭޖް 2"ގައި ހިމަނަން ބޭނުންވާ ކަންކަމާއެކު ޕާކު ފަރުމާކުރަށް މިފަހަރު ހުޅުވާލާފައިވަނީ ޢާއްމުންނަށެވެ. ޕާކު ފަރުމާކޮށް ތަރައްޤީކުރާނީ ހިޔާގެ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ. މިކަމައި ގުޅޭ ސަރވޭއެއްވެސް އެޗްޑީސީންވަނީ ފަށާފައެވެ.

އަދި ޕާކުގެ ކުރެހުންތައް ތައްޔާރުކުރުމަށް ޚިޔާލު ހޯދުމަށް ހިޔާ ސަރަޙައްދުގައިވެސް އިވެންޓެއްވަނީ ބާއްވާފައެވެ. މި ހަރަކާތުގައި ބައިވެރިވެ ޕާކު ފަރުމާކުރުމުގައި ހިޔާގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވެފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާލުވެސް ހޯދާފައިވެއެވެ.

އެގޮތުން ޕާކުގައި ކުޑަކުދިން ކުޅޭނެ ސަރަޙައްދާއި، އާއިލާއާއި ރައްތެހިންނާއެކު އެކީގައި ބައްދަލުކޮށްލެވޭނެ ސަރަޙައްދުތަކާއި، ކުޅިވަރާ ކަސްރަތު ކުރެވޭނެ ތަންތަނާއި އަދި ހިނަގާލުމަށް ހުސް ޖާގަތައް ހެދުމާއި ގުޅޭގޮތުން އާއްމުންގެ ޚިޔާލުވަނީ ހޯދާފައެވެ. އަދި ޕާކުގައި ކެފޭ ރެސްޓޯރަންޓާއި ލުއިބުއިމާއި ލުއިކާނާ ލިބޭނެ ތަންތަން ހެދުމާގުޅޭ ޚިޔާލުވެސް ހޯދާފައިވެއެވެ.

މުނިފޫހި ފިލުވުމުގެ އިތުރު ޚިދުމަތްތަކާ ގުޅޭގޮތުން ހިމަނަން ބޭނުންވާ ކަންކަމަށްވެސް ޚިޔާލު ހުށަހެޅޭނެއެވެ. އަދި ކުޅިވަރު ކޯޓު ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ޚިޔާލު ހުށަހެޅޭނެއެވެ.

ހިޔާ ޕާކު ފަރުމާކުރުމުގައި ޚިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރުވެސް، ސަރވޭ ލިންކް މެދުވެރިކޮށް ޚިޔާލު ހުށަހެޅޭނެއެވެ. މި ސަރވޭއަށް ކޮންމެ މީހަކަށްވެސް ޚިޔާލު ފޮނުވޭނެއެވެ.

އަދި ފިތުރު ޢީދަށްފަހު ހިޔާ ސަރަޙައްދުގައި ޚިޔާލުހޯދާ މަޝްވަރާކުރުމުގެ އިތުރު ހަރަކާތެއް ކުރިއަށްގެންދިއުމަށް އެޗްޑީސީންވަނީ ނިންމާފައެވެ.