ކުޅިވަރު

ލިވަޕޫލުން ސިޓީގެ ފަރަގު ކުޑަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް ލިވަޕޫލުން ސިޓީއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފް ވެގެންދިޔައީ ލިވަޕޫލަށްވެސް މާފަސޭހަ ހާފަކަށް ނޫނެވެ. އެވަޓަންއިންވަނީ ރަނގަލަށް ޑިފެންސް ކުރުމުގެ އިތުރުން މެޗް ލަސް ކުރުމާއި ލިވަޕޫލްގެ ކުޅުން ރޫޅާލެވޭނެ ހުރިހާ އުކުޅުތަކެއް ބޭނުންކޮށްފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފޯވަޑް ލައިން ވަގުގަދަ ލިވަޕޫލަށް އެވަޓަންގެ ގޯލަށް އެންމެ ހަމަލާއެއްވެސް މިހާފްގައި ފޮނުވާލެވިފައެއް ނުވެއެވެ.

މިމެޗްގައި ލިވަޕޫލަށް އެވަޓަންގެ ޑިފެންސް ފޫއަޅުބާލެވޭވަރުވީ މެޗްގެ 62 ވަނަ މިނެޓްގައި ގޯލް ކުރިމަތިން ހުރަސްވި ބޯޅައެއް އެންޑީ ރޮބަޓްސަން ބޮލުން ޖަހާ އެވަޓަންގެ ގޯލަށް ވައްދާލައިގެންނެވެ. މިމެޗްގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ޑިވޮކް އޮރީގީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލުން ތަނަވަސް ކުރި ނަމަވެސް އެއިސް އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި އެވަޓަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިގެން ދިޔައި ޑެމަރާއި ގްރޭ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒު ވާގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށްވަނީ ކުޅުނު 33 މެޗުން 79 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗުން ބަލިވުމުން އެވަޓަންވަނީ 32 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ އަށާރަ ވަނައަށް ވެއްޓިފައެވެ. ނަމަވެސް އެވަޓަން އަދި ނުކުޅެ އެއްމެޗް އޮތުމުން އެމެޗް ކާމިޔާބު ކޮށްފި ނަމަ އަނެއްކާވެސް 17 ވަނައަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.