ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ސޮކަ މޭޓްސް ފައިނަލަށް


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022ގައި ދަ ގްރާންޑޭ ބަލިކޮށް ސޮކަ މޭޓްސް ފައިނަލަށް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހު ހަވީރު އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ސޮކަ މޭޓްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އަންނަ ހޮނިިހިރު ދުވަހު ކުޅޭ ފައިނަލުގައި ސޮކަ މޭޓްސް އިން ނުުކުންނާނީ ހުޅުމާލެ ވެޓެރަންސްއާ ދެކޮޅަށެވެ، ދެ ޓީމު ވެސް ފައިނަލުން ޖާގަ ހޯދީ ބަލިނުވެ، ލީގު ބުރުުގައި ބާކީ ނުކުޅެ އެއް މެޗު އޮއްވައެވެ. ލީގު ބުރުގެ އެއް ވަނައިގައި ހުޅުމާލެ ވެޓެރަންސް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސޮކަ މޭޓްސް އަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭގެ ލީގު ބުރުގެ ހުރިހާ މެޗެއް ނިމުނުއިރު، ހަމަކުރެވުނީ 10 ޕޮއިންޓެވެ

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ސޮކަ މޭޓްސް އިން ލީޑުނެގީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުން އައްސަދު އަބްދުލް ގަނީ ބޮލުން ޖެހި ލަނޑުންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ސޮކަ މޭޓްސް އިން ލީޑުފުޅާކުރީ އޭރިއާތެރެއިން އަހުމަދު އަފުރާދު (އަފޭ) ޖެހި
ލަނޑުންނެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ދަ ގްރާންޑޭ އިން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ދަ ގްރާންޑޭގެ ލަނޑުތައް ޖެހީ ހަސަން ޝަރީފް އާއި އަހުަމަދު ސާއިގްއެވެ. ގްރާންޑޭ އަށް ލީޑުނަގައިދޭން ޝުއައިބު ޒާހިރަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ދިން ބޯޅައަކުން ސޮކަ މޭޓްސް މޮޅުކޮށްދިން ލަނޑު ޖެހީ އަހުމަދު މަމްދޫހު (ފެނާންޑޯ) އެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.

ލީގުގައި ހޯމަ ދުވަހު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރަނީ ހުޅުމާލެ ވެޓެރަންސް އާއި ސިފައިންނެވެ.