ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށްދޭން ސަރުކާރުގައި އެދެނީ


ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭ ބޮޑު ކޮށްދޭން ސަރުކާރުގައި އެދުމަށް ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުން ނިންމައިފިއެވެ.

ފަރެސްމާތޮޑާގެ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއަރޕޯޓް ހަދަނީ ރަށުގެ ފަޅުތެރޭގައި އޮތް ކުދި ފަޅުރަށްތަކެއް ހިއްކާ ގުޅުވާލައިގެންނެވެ. އެއަރޕޯޓް މަސައްކަތަށް 19.9ގެ ސަރަޙައްދެއް ހިއްކާފައިވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެންނެވެ. މަޝްރޫޢުގެ ބޮޑުބައެއް މިހާރުވަނީ މުޅިން ނިމިފައެވެ. އަދި މިހާރު ކުރަމުންދަނި ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްތަކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓަަކަށް ވުމާއެކު ރަންވޭގެ ބޮޑު މިނަކީ 1200 މީޓަރެވެ.

ނަމަވެސް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ނިންމާފައި މިވަނީ އެއަރޕޯޓްގެ ރަންވޭ އިތުރަށް ބޮޑުކޮށްދިނުމަށް ސަރުކާރުގައި އެދުމަށެވެ. ކައުންސިލް މެންބަރުންގެ މަޝްވަރާގެ މަތިން ނިންމާފައިވަނީ އެއަރޕޯޓް ރަންވޭއަށް އިތުރު 600 މީޓަރު އިތުރުކޮށް، ޖުމްލަ 1800މީޓަރަށް ރަންވޭ ބޮޑުކުރުމަށް ސަރުކާރަށް ހުށައެޅުމަށެވެ. ނަމަވެސް މިގޮތަށް ނިންމަފައިވާ ސަބަބު ކައުންސިލުން ހާމަކުރައްވާފައެއް ނުވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގައި މިހާރު ކުރަމުންދަނީ އެއަރޕޯޓް ޓަރމިނަލްގެ މަސައްކަތާއި ރަންވޭގެ މަސައްކަތެވެ. ރަންވޭގެ މަސައްކަތްތައް މަހެއްހާ ދުވަހުން ނިންމާނެކަމަށް އެމްޓީސީސީންވަނީ ވިދާޅުވެފައެވެ. އަދި ޓަރމިނަލާއި ފަޔަރ ބިލްޑިންގް ޢިމާރާތް އަދި ޓެކްސީވޭގެ މަސައްކަތްވެސް ވަރަށްއަވަހަށް ނިންމާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި އެއަރޕޯޓްގެ މަސައްކަތް ނިންމައި މިއަހަރުގެ މިނިވަންދުވަހަށް ސަރުކާރާ ޙަވާލުކުރުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫޢުގައި ފަރެސްމާތޮޑާއާ އެއަރޕޯޓް ގުޅާލަނީ ކޯސްވޭއަކުންނެވެ. ކޯސްވޭގެ މަސައްކަތްތައްވެސް އަންނަ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން 144 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އެ ސަރަޙައްދުގެ ރައްޔިތުން ތިބީ، އެއަރޕޯޓްގެ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ އިތުރުން މ.މުލީގެ އެއަރޕޯޓް ތަރައްޤީކުރަންވެސްވަނީ މިހާރު ފަށާފައެވެ. ސަރުކާރުން ދާދިފަހުންވަނީ އިތުރު 6 އެއަރޕޯޓްގެ މަސައްކަތްވެސް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. މިއީ 133 މިލިއަން ޑޮލަރުގެ މަޝްރޫޢުއެވެ.