ވިޔަފާރި

އެގްރޯނެޓްގެ ލ.ގަމު ޑިސްޓްރިބިއުޝަން ސެންޓަރު ނިމި ބޭނުންކުރަން ތައްޔާރު!


އެގްރޯނެޓުން ލ.ގަމުގައި އިމާރާތްކުރި ޑިސްޓްރިބިއުޝަން ސެންޓަރު ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދިތާ މިހާރު ވަނީ 2 އަހަރު ފުރިފައެވެ.

އެގްރޯ ނެޓުން ވަނީ ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތައް ރައްކާތެރިކަމާއި ތާޒާކަންމަތީ ބާޒާރުތަކަށް ފޯރުކޮށްދިނުމަށްޓަކައި، 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި، މީގެތެރެއިން ހައްދުންމަތީ ގަމުގެ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި މިތަން ބޭނުންކުރަން ފަށާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެގްރޯނެޓުން ހަަދާ މި ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމްކުރަނީ ކޯލްޑް ސްޓޯރޭޖަކާއި އެކުއެވެ. ލ.ގަމުގެ ޑިސްޓްރިބިއުޝަން ސެންޓަރު ނިމިފައިވާއިރު، އެހެން ރަށްރަށުގެ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތްވެސް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

މިތަން ބޭނުންކުރަން ފެށުމުން އެ ސަރަހައްދުގައި ދަނޑުވެރިން ހައްދާ ތަކެތި ގެންދާނީ މި ޑިސްޓްރިބިއުޝަން ސެންޓަރަށެވެ. މި ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ސަބަބުން ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަންމަތީ އެހެން ސަރަހައްދުތަކަށް ފޯރުކޮށްދެވޭނެކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓުން ޑިސްޓްރިބިއުޝަން ސެންޓަރުތައް ތަރައްޤީކުރާ 9 ރަށަކީ ނ.މަނަދޫ، ރ.ކިނޮޅަސް، ފ.މަގޫދޫ، ލ.ގަން، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހުޅުމީދޫއެވެ. ދަނޑުވެރިން ހައްދާ ތަކެތި އެއް ރަށުން އަނެއް ރަށަށް އުފުލުމަށް އެގްރޯނެޓުން އަންނަނީ ފިނިކުރާ ނިޒާމްތަކާއިއެކު ބޯޓުތަކެއް ބަނުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިއަހަރު ނިމުމުގެ ކުރިން މި ބޯޓުތައް ބޭނުންކުރަން ފެށޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.