ކުޅިވަރު

ސިޓީއަށް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އެ ޓީމްގެ ތަރިއަކަށް ވެގެންދިޔައީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖޭސުސްއެވެ. މި މެޗްގައި އޭނާ ވަނީ ސިޓީން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައިދީ، ފަސްވަނަ ލަނޑު ޖެހުމަށް އެސިސްޓް ކޮށްފައެވެ. މިއީ ޕްރިމިއާ ލީގުގައި ޖޭސުސްއަށް ކާމިޔާބުކުރެވުނު ފުރަތަމަ ހެޓްރިކެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަތަރުވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ޖޭސުސްއެވެ. އަދި މެޗްގެ 23 ވަނަ މިނެޓްގައި ޖޭސުސްވަނީ ސިޓީގެ ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ވަޓްފޯޑުން ވަނީ މި މެޗްގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން ކަމާރާއެވެ. މި މެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

އަދި މި މެޗްގައި ސިޓީގެ ހަތަރުވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް، ޖޭސުސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މި މެޗްގައި ސިޓީގެ ފަހު ލަނޑު ޖޭސުސް ކާމިޔާބުކޮށްދިނީ މެޗްގެ 53 ވަނަ މިނެޓްގައެވެ.

މި ކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ 33 މެޗުން 80 ޕޮއިންޓް ލިބި، ތާވަލްގައި އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބގެން ގޮސްފައެވެ. ނަމަވެސް ލިވަޕޫލާއި އެވަޓަން މިރޭ ބައްދަލުކުރާ މެޗް ލިވަޕޫލުން ކާމިޔާބުކޮށްފިނަމަ، މި ތަފާތު އެއް ޕޮއިންޓަށް އަނެއްކާވެސް ކުޑަވެގެން ދާނެއެވެ. މީގެ އިތުރުން ސިޓީ އަތުން ބަލިވި ވަޓްފޯޑް މިހާރު އުޅެނީ 33 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ ފުލުން ދެވަނައިގައެވެ.