ޚަބަރު

ކްރޫޒް ޓަރމިނަލާއި ޔޮޓް މެރީނާ ހަދާ ސަރަހައްދުގެ ބިން ހިއްކަނީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކްރޫޒް ޓަރމިނަލް އަދި ޔޮޓް މެރީނާ ހަދާ ސަރަހައްދުގެ ބިން ހިއްކަން ފަށައިފިއެވެ.ހުޅުމާލެ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މި ދެ މަޝްރޫއުގެ އިތުރުން، ދެވަނަ ފިޔަވަހީގެ ދަށުން ހިންގަވަން ހަމަޖެހިފައިވާ އެހެން މަޝްރޫއުތައް ފެއްޓެވުމަށް ބޭނުންވާ ތައްޔާރީތައްވެސް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުޅުމާލޭގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކްރޫޒް ޓަރމިނަލާއި ޔޮޓް މެރީނާ ތަރައްޤީ ކުރާ ސަރަހައްދަށް ބޭނުންވާ ވެލި ޕައިލްކޮށްފައިވާކަމަށެވެ. އަދި، މިހާރު ކުރިއަށްދަނީ ޕައިލްކޮށްފައިވާ ވެލި ބޭނުންކޮށްގެން އެ ސަރަހައްދު ހިއްކުމާއި، ބޮޑު ހިލަ ޖެހުމުގެ މަސައްކަތްކަމަށެވެ.ހުޅުމާލޭގައި ތަރައްޤީ ކުރާ ޔޮޓް މެރީނާއަކީ، އެއް ފަހަރާ 300 ޔޮޓަށް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ތަނެކެވެ. މީގެ އިތުރުން އެތަނުގައި، ވޯޓަރ ސްޕޯޓްސް އާއި ފިހާރަތަކާއި، އެފް އެންޑް ބީ އައުޓްލެޓްސްވެސް ހެދުމަށްވެސް ޕްލޭންކޮށްފައިވެއެވެ. އަދި، ކްރޫޒް ޓަރމިނަލުން، ދުނިޔޭގެ އެންމެ ބޮޑެތި ކްރޫލް ލައިނަރތަކަށް ޚިދުމަތް ދެވޭނެއެވެ.ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ފަސްގަނޑު ހިމާޔަތްކުރުމަށް ކުރިއަށްދާ ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަށްދާކަން ފާހަގަކުރައްވާ ސައިމަން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ދަށުން ހަދާ މަގުތަކުގެ މަސައްކަތުގެ ދަށުން ކުރަން ޖެހޭ ސަރވޭތައް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށްދަނީ މަގު ހެދުމަށް ބޭނުންވާ ސާމާނު މޮބިލައިޒް ކުރުމުގެ މަސައްކަތްކަމަށެވެ.ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރައްވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. އަދި ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުން ބިން ގަންނަން ބެނުންވާ ފަރާތްތަކަށްވެސް ޖުލައި މަހުގެ ތެރޭގައި އެ ފުރުޞަތު ހުޅުވާލައްވާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. ބިން ވިއްކުމާއި ހައުސިންގ މަޝްރޫއުތައްވެސް ފުރަތަމަ ފެށުމަށް ނިންމަވާފައިވަނީ، ފުރަތަމަ ފިޔަވައްސާ ކައިރިންނެވެ. އެއްލައްކަ ފަންސާސް ހާސް މީހުންގެ އާބާދީއަކަށް އަމާޒު ކުރައްވައިގެން ދެވަނަ ފިޔަވަހި ތަރައްޤީ ކުރައްވާއިރު، އެކި ފަންތީގެ ގާތްގަނޑަކަށް 25 ހާސް ހައުސިންގ ޔުނިޓް އެޅުމަށްދަނީ މަސައްކަތް ކުރައްވަމުންނެވެ.ދެވަނަ ފިޔަވަހި ތަރައްޤީ ކުރެއްވުމަށް ގާތްގަނޑަކަށް އަށް ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއްވައެވެ.